ކުރިއަށް ހުރި އިންތިޚާބުތަކާ ގުޅިގެން އިތުރަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން 'ވޯކް އިން އިންޓަވިއު' އެއް ބޭއްވުމަށް މިއަދު ހަމަޖައްސައިފިއެވެ.

މިއީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެކި މަސައްކަތްތަކާ ގުޅިގެންް ހުރި ވަޒީފާގެ ފުރުސަތުތަކަށް ޓާސްކްފޯސްގެ ގޮތުގައި މުވައްޒަފުން ނެގުމަށް އަމާޒުކޮށްގެން ހުޅުވައިލައި ފުރުސަތެކެވެ.

މި ވޯކް އިން އިންޓަވިއު އޮންނާނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ހެނދު 10:00 އިން ރޭގަނޑު 22:00 އަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައައެވެ.

ވޯކް އިން އިންޓަވިއުގައި ބައިވެރިވާ މީހުންނަށް ވަޒީފާގެ މައުލޫމާތު ދިނުމާއި ވަޒީފާގެ ފޯމު ފުރިހަމަކޮށްދިނުމާއި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. އޭގެ އިތުރުން އިންޓަވިއު ކުރުމާ އިމްތިހާނު ހެދުމުގެ ފުރުސަތު ވެސް އެ ތަނުން ލިބޭނެއެވެ.

ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.

އެ ކޮމިޝަނުން ބުނީ، ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ މީހުން އައިޑީކާޑާއި ތައުލީމީ ސެޓްފިކެޓްތަކާއެކު އިންޓަވިއުއަށް ދިއުމުން ޝަރުތު ހަމަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ވަޒީފާގެ ފުރުސަތު ހުރި ދާއިރާތަކުގެ ތެރޭގައި ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްންޓް، އައިޓީ، ގްރެފިކްސް ޑިޒައިނިން، ފޮޓޯގްރަފީ، މީޑިއާ، ގާނޫނީ ދާއިރާ އަދި އިދާރީ ދާއިރާ ހިމެނެއެވެ.

ވޯކިންއިންޓަވިއުއާ ބެހޭ އިތުރު މައުލޫމާތު އިލެކްޝަންސްގެ ހޮޓްލައިން ނަންބަރު 1414 އިން ލިބޭނެއެވެ. އަދި ވެބްސައިޓުން ވެސް ލިބޭނެއެވެ.