19 Dec 2023, 14:38
ޔަހޫދީ އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތް ހަދަން ގޮވާލައި ގޮވާލުމުގެ އަޑުގަދަވެފައިވަނިކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނުދާން އިޒްރޭލުން އަންގައިފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ފަށާފައިވާ ނަސްލު ނައްތައިލުމުގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި އަންނަނީ އެ ގައުމުގެ މީހުންނާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އެތައް ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ޓްރެވެލް ވާނީންއެއްގައި ބުނީ، ސަރުކާރުގެ އިސްވެރިންނާއި އާންމުން އެ ގައުމާ ދެކޮޅަށް ފާޅުގައި ބަސްބުނަމުންދާ ކަމަށެވެ. އަދި، އިޒްރޭލާ ދެކޮޅަށް ނަފުރަތު ފެތުރެމުންދާތީ ރާއްޖެ ނުދާން ވަނީ އެދިފައެވެ. މި ވަގުތު ރާއްޖޭގައި ތިބި އެ ގައުމުގެ ފަތުރުވެރިން ވެސް ރާއްޖެ ދޫކޮށްދާން އިޒްރޭލުން ވަނީ އެދިފައެވެ.
މީގެ ކުރިން، އޮކްޓޫބަރު މަހު 20 ގައި ވެސް އިޒްރޭލުގެ ސަރުކާރުން ވަނީ އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނުދާން އަންގައިފައެވެ.
އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް ނޯވެއެވެ. އެކަމަކު، އެ ގައުމުގެ މީހުންނަށް ވެސް ރާއްޖެ ދަތުރުކޮށް ހެދެއެވެ.
އޮކްޓޫބަރު މަހު ފެށި ހަނގުރާމައިގައި ފަލަސްތީނު މުސްލިމުންގެ 19،000 އެއްހައި މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަނގުރާމައިގެ ހާލަތާ ގުޅިގެން އިޒްރޭލުގެ ޔަހޫދީންނަށް ރާއްޖެ ނާދެވޭގޮތް ހަދަން ގޮވާލައި ދޭތެރެއަކުން މާލޭގައި މުޒާހަރާތައް ބާއްވައެވެ. އެކަމަކު، މިހާތަނަށް އެފަދަ އެއްވެސް ނިންމުމެއް ނިންމައިފައެއް ނުވެއެވެ.
މައިގަނޑު ގޮތެއްގައި ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާއިރު، އިޒްރޭލުން އަންނަނީ ވަރަށް މަދު އަދަދެއްގެ ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޗައިނާ، އިންޑިއާ އަދި ރަޝިއާގެ ފަތުރުވެރިންނެވެ.