މި ވަގުތު ވެސް ޖަލު ހުކުމަށް ގިނަ ލުއިތަކެއް ދީގެން، ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިތުރު ލުޔަށް އެދިވަޑައިގަތުމުން އެ ލުއި ދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އެ މަނިކުފާނަށް އަންގައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ވަނީ ސިޔާސީ ހަރަކާތްތަކުގައި އެ މަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް އިތުރު ލުއިތައް ދިނުމަށް ކަރެކްޝަނުގައި އެދިވަޑައިގެންފައެވެ.

މިހާރު ވެސް މާލެ، ހުޅުމާލެ، ވިލިމާލެއަށް ދަތުރުކުރެވޭހެން، ރަށު ބަންދުގެ ލުޔާއި، އެހެން މީހުންނާ ބައްދަލުކުރުމަށް ހުއްދަ އޮންނަ ގޮތަށް ވެސް ކަރެކްޝަނުން އެ މަނިކުފާނަށް ލުއި ދިިންފަހު އަދިވީ ގާތްގަނޑަކަށް ދޮޅު މަސް ދުވަހެވެ.

އެއާއެކު ކަރެކްޝަނުން އެ މަނިކުފާނަށް ދިން ޖަވާބުގައި، ގަވައިދުތައް ތަން ނުދޭތީ އިތުރު ލުއި ދެވެން ނެތްކަމަށް އަންގައިފައިވާކަމަށް އެ ސާވިސަސްގެ އޮފިޝަލަކު ވަނީ "ސަން"އަށް ޔަގީންކޮށްދެއްވައިފައެވެ.

"ގާނޫނު ފުށުއަރާތީ މިހާރު ދީފައި އޮތް ލުޔަށްވުރެ އިތުރު ލުޔެއް ދެވޭކަށް ނެތްކަމަށް އަޅުގަނޑުމެން ވާނީ އަންގައިފައި،" އޮފިޝަލް ވިދާޅުވިއެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ލުއި ނެތްނަމަވެސް އެ މަނިކުފާނުު ގެންދަވަނީ ތަކުރާރުކޮށް ސިޔާސީ ޖަލްސާތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެ މައްސަލަ ކަރެކްޝަނުން އައީ ތަހުގީގު ވެސް ކުރަމުންނެވެ. އެ މައްސަލައިގައި މިހާރު ދީފައިވާ ލުއިތައް ވެސް އުވައިލާނެކަމުގެ އިންޒާރު ދިންނ ނަމަވެސް، ރަސްމީ ފިޔަަވަޅެއް އަދިވެސް ނާޅައެވެ.

ރައީސް ޔާމީން މިހާރު ތަންފީޒުކުރައްވަމުން ގެންދަވަނީ، ވެރިކަމުގައި ހުންނެވިއިރު ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގެ ތުހުމަތުގައި އިއްވި ޖަލު ހުކުމެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ނިމުމަކާ ގާތްވެފައިވާއިރު، ދެން އޮންނާނީ ހުކުމްކުރުމެވެ. އެކަމަކު، ހުކުމް ކުރާނެ ދުވަހެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.