އެމްޑީޕީގެ ސެކްޓަރީ ޖެނަރަލްގެ މަގާމުން ހަސަން ޝާހު ވަކިކުރުމަށް ގައުމީ މަޖިލީހަށް ހުށަހެޅުމަށް ގައުމީ ހިންގާ ކޮމެޓީން ނިންމީ ޕާޓީގެ ސެކްރެޓޭރިއަޓްގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ހަރަކާތްތެރި އަދި އެންމެ މެންބަރު ގިނަ ޕާޓީއަށް ވުމުން، އެ ޕާޓީ ހަރުދަނާކޮށް ސެކްރެޓޭރިއަޓުގެ މަސައްކަތް ހަލުވި ކުރުމަށް ކުރަމުންގެން އަންނަ މަސައްކަތުގައި ޝާހު މަގާމުން ވަކިކުރަން ނިންމީ ކަމަށެވެ.

"އަޅުގަނޑުމެންގެ ސެކްރެޓޭރިއަޓަކީ ވަރަށް ވަރުގަދައަށް ވަރަށް ހަލުވި ކަމާ އެކު ހަރުދަނާކޮށް ހިނގަންޖެހޭނެ ތަނެއް ކަމަށް. އެފަދަ ގޮތަކަށް މަސައްކަތް ކުރާ ސެކަރެޓޭރިއަޓަކަށް ހެދުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ޝާހު ވަކިކުރަން ނިންމީ،" އިންތިޔާޒް ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުސްފަސްގަނޑު ރޫޅާމުމަށް ކްރިނަލް ކޯޓުން އަމުރެއް ނުނެރުމަށް އެދި މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަކާ ގުޅިގެން މާލޭގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަކީ އެމްޑީޕީ ބައިލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޯޓްތަކަކީ ސިޓީ ކައުންސިލާ ސަމާސާ ކުރެވޭނެ ތަނެއް ނޫން ކަމަށާއި ސިޓީ ކައުންސިލުތަކީ އިންތިހާބުކޮށްގެން ތިބި ކައުންސިލަރުން ތިބި ތަނެއް ކަމަށެވެ.

އއ. މަތިވެރި އާއި އދ. ހަންޏާމީދޫ އާއި ތ. އޮމަދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާންކޮށްފައިވާތީ އިންތި ވިދާޅުވީ އެމްޑީޕީން އެ ދާއިރާތަކަށް ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށެވެ.

އއ. މަތިވެރި ކައުންސިލްގެ ބައި އިލެކްޝަނާއި ހދ. ހަންޏާ މީދޫ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހު ޖޫން 23ގަ އެވެ. ތ. އޮމަދޫ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 30ގަ އެވެ.