19 Dec 2023, 09:07
މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ، ސައުދީ އަރަބިއާގެ ކްލަބަކާ ގުޅެން އުޅޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އުރާވާ ރެޑްސްއާ ދެކޮޅަށް ކުޅުމަށް ސިޓީގެ ޓީމާއެކު ބެނާޑޯ ސިލްވާ މި ވަގުތު ހުރީ ސައުދީގައެވެ. އެ ދަތުރުގެ ތެރެއިން ސިލްވާއަށް ވަނީ ޓްރާންސްފާގެ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުތައް އަމާޒުކޮށްފައެވެ.
"ސައުދީގެ ލީގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި. އެއީ ބޮޑު އިންވެސްޓްމަންޓަކާއެކު ގެނައި ކުރިއެރުންތަކެއް. އަހަރެންނަށް މައުލޫމާތު ލިބެނީ އެ އިންވެސްޓްމަންޓުތައް ސައުދީން ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށް. ސައުދީއަށް ބަދަލުވެ، ކުރިމަގެއް އޮތްތޯ ކުރާ ސުވާލަށް ބުނެވޭނީ، އަހަރެން މި ވަގުތުގެ ފޯކަސްއަކީ ސިޓީއޭ. ޔޫރަޕުގެ ފުޓުބޯޅައިގައި އަހަރެން މިހުރީ އުފަލުން، އަދި އެއީ އެންމެ މަތީ ފެންވަރުގެ ފުޓުބޯޅަ،" އެ ސުވާލުތަކަށް ޖަވާބުދެމުން ސިލްވާ ބުންޏެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން ސައުދީގެ އިތުރުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަދި ބާސެލޯނާއިން ވެސް ސިލްވާ ހޯދުމަށް މަސައްކަތްކުރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް އޭނާ ވަނީ ސިޓީއާއެކު ހަދައިފައިވާ ކޮންޓްރެކްޓް އާކޮށްފައެވެ. އެ ކޮންޓްރެކްޓް ދެން ނިމުމަކަށް އަންނާނީ 2026ވަނަ އަހަރެވެ.
ސިލްވާއަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. މި ސީޒަނުގައި އޭނާ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 20 މެޗުން ހަތަރު ގޯލު ޖަހައި، ތިން އެސިސްޓް ހަދައިފައެވެ.