24 May 2012, 14:09
ކުށުގެ ރެކޯޑް ސާފު ކުރާ ފޯމާއި މައުލޫމާތު ފުލުހުންގެ އިދާރާއިން ލިބޭނެ ގޮތަށް ހަމަޖައްސައިފި އެވެ.
މި ގޮތަށް ހަމަޖައްސާފައި ވަނީ ވަޒީފާއަށް ނުކުންނަ މީހުންނާއި އެހެން ކަންކަމުގައި ކުށުގެ ރެކޯޑް ބަލަން ފޯމް ފުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުންނެވެ.
ފުލުހުން އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށްފަހު ކުށުގެ ރެކޯޑް ބަލަން ފުރާ ފޯމުގެ މަޢުލޫމާތު ހޯދަން އެކި ތަންތަނަށް ދާން ޖެހޭތީ މައްސަލަ ދިމާވާ ކަމަށާއި ފޯމްގެ މަޢުލޫމާތުތައް ދިނުމަށްޓަކައި ވަކިވަކި މުވައްޒަފުން ބައިތިއްބުމުން މުއައްސަސާތަކުގެ މަސައްކަތަށް ދަތިވާކަން ފާހަގަ ކުރި އެވެ.
އޭގެ ބަދަލުގައި އެއްތަނަކުން ކުށުގެ ރެކޯޑްގެ މަޢުލޫމާތު ފޯމް ފުރޭނެ ގޮތް ހަމަޖެހުމުން ފަސޭހަވެ މައްސަލަތަކަށް ހައްލު ލިބި، ކުށުގެ ރެކޯޑްސް ހޯދަން ލުއި ވެގެންދާނެ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެއްބަސްވި އެވެ.
މި ބައްދަލުވުމުގައި ނިންމީ ކުށުގެ ރެކޯޑް ފޯމް ފުލުހުންގެ އިދާރާއިން ފުރޭނެ ގޮތަށް ހަމަޖައްސާށެވެ. އަދި އެ މަސައްކަތް ކުރަން ބޭނުންވާ ފަންނީ ހުރިހާ މަސައްކަތެއް ވެސް ފުލުހުން ކުރާގޮތަށެވެ.
ބައްދަލަވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ފުލުހުންގެ އިސްވެރިންގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޑީޕީއާރްއެސްގެ އިތުރުން، ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ހައި ކޯޓު އަދި ޑްރަގް ކޯޓްގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.