19 Dec 2023, 06:50
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކާޖޮލްގެ މަންމަ ތަނޫޖާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.
މިހާރު ޢުމުރުން 80 އަހަރު ވެފައިވާ ކުރީގެ ބަތަލާ ހޮސްޕިޓަލަށް ގެންދެވުނީ ޢުމުރުން ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ތަފާތު އެކި ސިއްޙީ މައްސަލަތަކާ ގުޅިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މުމްބާއީގެ ޖުހޫގައި ހުންނަ ހޮސްޕިޓަލެއްގައި ތަނޫޖާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި ކަންބޮޑުވާފަދަ މައްސަލައެއް އަދި ނުފެންނަ ކަމަށް އާއިލާއާ ޙަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ތަނޫޖާ ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ފެނުނީ 1950 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "ހަމާރީ ބޭޓީ"އިންނެވެ. މި ފިލްމުގައި ކުޑަ ކުއްޖެއްގެ ރޯލުން ތަނޫޖާ ފެނުނީ ދައްތަ ނޫޓާންއާ އެކުއެވެ. ނޫޓާން އަކީ ހިންދީ ސިނަމާގެ ކަޅާ ހުދުގެ ޗާލު ދުވަސްވަރު އެންމެ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި ބަތަލާއެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތްވާ ތަނޫޖާގެ ވިދުން ފިލްމީ ދާއިރާގައި ގަދަވީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ. ހިންދީ ފިލްމުތަކުގެ އިތުރުން ތަނޫޖާ އަކީ ވަރަށް ގިނަ ބެންގާލީ ފިލްމުތަކުގައި ވެސް މަސައްކަތް ކުރި ބަތަލާ އެކެވެ. ހިންދީ ސިނަމާގެ އޭރުގެ އެންމެ މަގުބޫލު ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަމަށްވާ ޝޯމޫ މުކަރުޖީއާ ކައިވެނިކޮށް ތަނޫޖާއަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ، ބަތަލާ ކާޖޮލް އަދި ކޮއްކޮ ތަނީޝާ މުކަރުޖީއެވެ. ތަނޫޖާގެ ފިރިމީހާ ޝޯމޫ މުކަރުޖީ އަކީ ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީގެ ބޮޑު ބޭބެ ވެސް މެއެވެ.

ތަނޫޖާ ފިރިމީހާ ޝޯމޫ މުކަރުޖީ އަދި ދޮށީ ދަރިފުޅު ކާޖަލް އާއެކު
ކާޖޮލް އާއި ތަނީޝާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުގައި މަންމަގެ ރޯލާ އެއްވަރަށް ބައްޕަގެ ރޯލު ވެސް ތަނޫޖާ އަދާކުރި ކަމަށާއި އެކަން ވަރަށް ގާތުން ކާޖޮލްއަށް ފެނިފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މީޑިއާއަށް ދީފައިވާ އެކި އިންޓަވިއުތަކުގައި ކާޖޮލް ބުނެފައި ވަނީ ދިރިއުޅުމުގައި ފިރިހެނުންނާ އެއްވަރަށް އަންހެނުންނަށް ވެސް ބުރަކޮށް މަސައްކަތް ކުރެވޭނެ ކަމަށާއި އެކަމަށް އެންމެ ބޮޑު ހިތްވަރެއް ލިބިފައިވަނީ މަންމަ ތަނޫޖާގެ ފަރާތުން ކަމަށެވެ. ހިންދީ ސިނަމާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދިން ކުރީގެ ބަތަލާގެ އަގު ވަޒަން ކުރުމުގެ ގޮތުން ތަނޫޖާއަށް 2014ވަނަ އަހަރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓްގެ އެވޯޑް ވެސް ވަނީ އަރުވާފައެވެ.