އިންޑިއާގެ ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ސަމަންތާ ރުތު ޕްރަބޫ ދެވަނަ ކައިވެންޏެއް ކުރަން ތައްޔާރުނުވާ ކަމަށް ބުނެފިއެވެ.

އަމިއްލަ އިންސްޓަގްރާމްގައި ސަޕޯޓަރުންނާ އެކު ކުރިއަށްގެންދިޔަ ސުވާލާއި ޖަވާބު ދިނުމުގެ ސެޝަނެއްގައި ސަމަންތާ ދެވަނަ ކައިވެންޏެއް ކުރަން ވިސްނަންތޯ ސަޕޯޓަރަކު ވަނީ އަހައިފައެވެ. އޭގެ ޖަވާބުގައި ބަތަލާ ބުނީ ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ ކައިވެންޏަށް ވުރެ ދެވަނަ ކައިވެނިކޮށް ވަރިވާ ރޭޓް އިންޑިއާގައި އަހަރަކަށްވުރެ އަހަރެއް މަތިވުމުން އެކަމަށް ބަތަލާ އަދި ތައްޔާރުނުވާ ކަމަށެވެ.

މީގެމކުރިން ކައިވެންޏެއް ކޮށް އެ ކައިވެނި ރޫޅިފައިވުމުން ކައިވެންޏާމެދު ބަތަލާގެ އިތުބާރު ގެއްލި އެފަދަ ގުޅުމަކަށް ދެވަނަ ފަހަރަށް ފުރުސަތު ދިނުމާމެދު އަދި ނުވިސްނާ ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.

އިންޑިއާގެ ތެލުގޫ އެކްޓަރު ނަގާ ޗައިތަންޔާއާ 2017ވަނަ އަހަރު ކުރެވުނު ކައިވެނި ރޫޅާލިކަން ބަތަލާ އިއުލާނު ކުރީ 2021ވަނަ އަހަރުއެވެ. ސަމަންތާއާއި ނަގާ ޗައިތަންޔާގެ ކައިވެނި ރޫޅުމާމއެކު މީޑިއާތަކުގެ ދެ މީހުންގެ ގުޅުމާ ބެހޭގޮތުން ތަފާތު އެކި ގޮތްގޮތަށް ވަނީ ލިޔެވިފައެވެ. ނަމަވެސް ދެ މީހުންގެ ކައިވެނި ރޫޅުމުގެ ފަހަތުގައިވާ ސިއްރު މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ސަމަންތާއާއި ކުރީގެ ފިރިމީހާ ނަގާ ޗައިތަންޔާ --

ޢުމުރުން 36 އަހަރުގެ ބަތަލާގެ ކައިވެނި ރޫޅުނު ނަމަވެސް ސަމަންތާ ވަނީ ވަރަށް ހިތްވަރާ އެކު ފިލްމީ ދާއިރާގައި ސާބިތުކަމާ އެކު ކުރިއަށް ގޮސްފައެވެ. އެގޮތުން ސައުތު ސިނަމާގެ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށްފަހު ސަމަންތާ ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުން ވެސް ކުރި ހޯދާފައެވެ.

އެމޭޒަން ޕްރައިމްއިން 2021ވަނަ އަހަރު ގެނެސްދިން "ދަ ފެމިލީ މޭން"ގެ ދެވަނަ ސީޒަންއިން ސަމަންތާގެ ސަމާލުކަން އެ ވެބް ސީރީސްގެ މޭސްތިރިން ކަމަށްވާ ރާޖް އެންޑް ޑީކޭއަށް ލިބި އެމޭޒަންގެ އެންމެ އުއްމީދީ ސީރީސް "ސިޓަޑެލް އިންޑިއާ"އިން ބަތަލާއަށް ވަނީ ފުރުސަތު ލިބިފައެވެ. މި ސީރީސްގެ ލީޑް ރޯލުން ސަމަންތާ ފެންނާނެއިރު އެކީގައި ލީޑު އެކްޓަރެއްގެ ރޯލުން ފެންނާނީ ވަރުން ދަވަންއެވެ.