24 May 2012, 13:54
ލުއި ކާނާ ވިއްކާ ގާޑިޔާތައް ތަރައްގީކޮށް ހިންގަން ކުރިމަތިލުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި މިނީ މޯލްއެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ސީޓި ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުރި ގާޑިޔާތަކަކީ މިހާރަށް ފެތޭ ގާޑިޔާތަކެއް ނޫން ކަމަށާއި ގިނަ ގާޑިޔާތައް އޮޕަރޭޓް ކުރަނީ ވެސް ބިދޭސީން ކަމަށެވެ. އޭނާ ވިދާޅުވީ ގާޑިޔާތައް މިހާރު އޮޕަރޭޓް ކުރާ ސްޓައިލް ބޮޑަށް ބަދަލު ކުރާއިރު ދެން ގާޑިޔާ ހިންގަން ދޭނީ 32 ޖާގަ ކަމަށެވެ. އެ ޖާގަ ތަކުގައި ބާއްވާ ގާޑިޔާތައް ފޯރުކޮށްދޭނީ ސީޓީ ކައުންސިލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ބެލިން ގާޑިޔާތައް ކިހިނެތްތޯ ތަރައްގީ ކުރެވޭނީ އެގޮތައް ބެލިއިރު އެއީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިދާނެ ކަމަށް އަޅުގަނޑުމެން ބެލީ، އެގޮތުން މި ފަހަރު ގާޑިޔާ ވެސް ފޯރުކޮށް ދޭނަން ބީލަން ކާމިޔާބު ކުރާ ފަރާތްތަކަށް. އެފަރާތްތަކުން ގާޑިޔާ ތަރައްގީކޮށް ހިދުމަތް ފުޅާ ކުރަން ޖެހޭނީ،" ސުޖާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ ޕްރިބިޑް މީޑިން ބާއްވަނީ އަންނަ ބުދަ ދުވަހު އެވެ. ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހައެއްގެ ކުރިންނެވެ. ބިޑް އެވޯޑް ކުރުމުގައި ބަލަނީ އެންމެ ރަނގަޅު އަގަށާއި ދިވެހިންނަށާއި އަދި ވިޔަފާރި ފުޅާކުރުމަށް ހުށަހަޅާ އުސޫލަށެވެ.
"ވަރަށް އިންސާފުވެރި ޕްރޮސެސްއެއްގެ ތެރެއިން މިކަން ގެންދާނީ،" ސުޖާ ވިދާޅުވި އެވެ.
އެޗްޑީސީން އިއުލާނުކޮށްފައިވާ މިނީ މޯލް ހަދަން ޖެހެނީ ކެފޭ، ސައި ހޮޓާ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ހިމަނައިގެނެވެ. އެ މަސައްކަތުގެ ބިޑް ސެކިއުރިޓީއަކަށް 500،000ރ. ހުށަހަޅަންޖެހެ އެވެ. ޕްރީބިޑް ބައްދަލުވުން ބާއްވަނީ އަންނަ ބުދަ ދުވަހު އެޗްޑީއެފްސީގެ އޮފީހުގަ އެވެ. ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 25 ގަ އެވެ.