19 Dec 2023, 09:01
ޑިމޮކްރަސީއަށް ޅަފަތުގައި މަގުމަތިން ވެރިކަމެއް ވައްޓާލައިފައި އެއީ ނުވާ ކަމެއް ކަމަށް ހެދުނަސް، އެ ދުވަސް މިހާރު މާޒީވެއްޖެއެވެ. މަގުމަތިން ވެރިކަމަށް ލޮޅުން އަރުވައިލުން އެއީ މި ޒަމާނުގައި ނާދިރުކަމެކެވެ. އެއަށް ވުރެ ބޮޑަށް ރައްޔިތުން ނުރުހުންވާ ކަމެކެވެ.
އެހެންވެ، އަބަދު ވެސް ޑިމޮކްރަސީތައް ކުރިއަރައި ބޮޑުވެ ފައްކާވަމުން އަންނައިރުގައި މަގުމަތީ ހިންގާ ހަލަބޮލި ސިޔާސީ ގަޑުބަޑު ސުލްހަވެރި ސިޔާސީ ހަރަކާތަށް ބަދަލުވެއެވެ.
އެންމެ ފުރަތަމަ ޑިމޮކްރަސީ ގެނެސްގެން ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި ވެރިކަމަށް ވަޑައިގަތީ ޒުވާން ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެ މަނިކުފާނަކީ 30 އަހަރަށް ފަހު ދިވެހީންނަށް ލިބުނު އުންމީދެކެވެ. ވެރިކަމުގެ ހުވާ ކުރައްވާފައި ދެއްވި ތަގުރީރުގައި ވެސް ޅެންބަހުން އުންމީދީ ވާހަކަތައް ހިމެނުއްވިއެވެ.
އެކަމަކު، ވެރިކަމަށް 21 ދުވަސް ނުވެ ކޯލިޝަން ރޫޅައިލީއެވެ. ދެން އަނބުރާ ވެއްޓުނީ ސިޔާސީ ގަޑުބަޑާއި ހައިޖާނުގެ ތެރެއަށެވެ. އެއަށް ފަހުގައި ކޯޓުގެ ގާޒީއެއް ސިފައިން ފޮނުވައިގެން ހައްޔަރުކުރުމާއި މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ކުއްޔަށް ދިނީއެވެ. އެ ސަކަރާތުގެ ތެރެއިން އުފެދުނު ނުތަނަވަސްކަން ނިމުނީ ހަތެއް ފެބްރުއަރީ 2012 ވަނަ ދުވަހު، ރައްޔިތުން އިންތިޚާބުކުރި ވެރިކަމެއް މަގުމަތިން ވައްޓާލައިގެންނެވެ.
އެކި ކަރަކަރައިން މީހުން ގެނެސްގެން އެކުލަވައިލި ކޯނީ ރިޕޯޓުގައި އެއީ ބަޣާވާތެއް ނޫން ކަމަށް އޮތަސް، އެ ދުވަހު ހަގީގަތުގައި އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން ނޫން ގޮތެއް ގަޑުބަޑުގެ ބައިވެރިން ނަޝީދަށް ނުދައްކައެވެ.
އެއީ، ދިވެހިން ދަސްކުރީއިރުގައެވެ. މިއަދު ތަފާތެވެ. މަގުމަތީ ހަރަކާތް މާޒީވީއެވެ.
އިއްޔެ އެމްޑީޕީން މި ޖެހީ ކޮން މަޅިއެއް؟
ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ފަސޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކުރަން އާންމު ކޮމިޓީން ނިންމި ގޮތަށް އިސްލާހަކާ އެކު، މަޖިލީހުގެ ގަވާއިދު ފާސްކުރަން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން ވަނީ މައިގަނޑު ތިން މާއްދާއެއް އިސްލާހުކުރަން ފާސްކޮށްފައެވެ. އެއީ، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު 49 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހެވެ. އެއީ:
ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން
- ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު
- އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކުރުން
- އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ތަމުސީލުވާން ނުޖެހޭ ގޮތް ހެދުން
ޝިފާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރުގައި އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނައި ގޮތަށެވެ. އޭރުން، މަޖިލީހުގެ މި ދައުރުގެ ބާކީ އޮތް ބައިގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ މަގާމުތަކާ ހަވާލުވާން ހަތް މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން ވޯޓުގެ ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އިސްލާހު ފާސްކުރަން ވޯޓުދެއްވައިފައެވެ. އިސްލާހާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.
އެހެންވެ، މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާއަށް އާންމު ކޮމިޓީން ގެނައި ބަދަލާ އެކު މަޖިލީހުން ހުށަހެޅި އިސްލާހު އިތުރުކޮށް، ވަނީ ފާސްކޮށްފައެވެ.
އިސްލާހު ފާސްވުމާ އެކު މި ހިނގާ 19ވަނަ މަޖިލީހުގެ ބާކީ މުއްދަތުގައި މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ އެކިއެކި މަގާމުތަކާ ހަވާލުވާން ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ދައުރުގެ ބާކީ އޮތް މުއްދަތަށް މެންބަރުން އިންތިޚާބު ނުކުރާން ނިންމައިފައެވެ. އެއީ، އަންނަ އަހަރު ކުރީކޮޅު 20 ވަނަ މަޖިލީސް އިންތިޚާބު އޮންނާތީއެވެ.
އެހެންވެ، މިހާރު 53 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. އެމްޑީޕީގައި 56 މެންބަރުން ތިއްބަވައެވެ.
"ދިވެހި ފަހުރުވެރި ދިދަ މަޖިލީހުގެ މެންބަރުންނާ ސުވާލުކުރާ މަންޒަރު އެބަ ފެނޭ އަޅުގަނޑުމެންނަށް. މިހާރުގެ ރައީސް އަޒުލުކުރުމުގެ މަސައްކަތް ފަށަން ނުވޭތޯ ދިވެހި ދިދަ އަޅުގަނޑުމެންނާ މުޚާތަބު ކުރާތަން އެބަ ފެނޭ،" އިއްޔެ ޝިފާއު ވިދާޅުވިއެވެ.
ހަމައެކަނި އެމްޑީޕީއަށް ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް އިސްލާހެއް ފާސްކުރީއިރު އެމްޑީޕީގެ މެންބަރުން އަންނަނީ ރައީސް އަޒުލުކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެ ގަޑުބަޑު ފައްކާކުރަމުންނެވެ.
މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:
އެމްޑީޕީގެ 56 މެންބަރުން
- ޑިމޮކްރެޓްސްގެ 13 މެންބަރުން
- ޕީޕީއެމްގެ ދެ މެންބަރުން
- ޕީއެންސީގެ ދެ މެންބަރުން
- ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން
- އެމްޑީއޭގެ ދެ މެންބަރުން
- އަމިއްލަ ތިން މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ބޮޑު މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ ހަމައެކަނި އެ ޕާޓީއަށް ރައީސް އަޒުލުކުރެވޭ ގޮތް ހަދާފައި -- ފޮޓޯ/ މަޖިލިސް
ރައީސާއި ނައިބު ރައީސް އަޒުލުކުރެވޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ، އިސްލާމް ދީނާއި ނުވަތަ ގާނޫނު އަސާސީއާ ހިލާފުވުން، މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއް ކުރުން އަދި، މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުމެވެ.
މަޖިލީހުން ކުރަނީ ބްލެކްމެއިލް
އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަހެއްވީ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތީ އެ ރައީސް އަޒުލުކުރުމުގެ ވާހަކައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ ބަދަލުގައި އޮތީ އަޒުލުކުރުމުގެ މަޝްވަރާއެވެ.
އެއީ، ގާނޫނު އަސާސީން ފުރުސަތެއް ފަހިވެފައި އޮތަސް، ކަނޑައެޅިގެން ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެކެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއަކަށް ފެނިއްޖެ ހާލަތެއްގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ހާލަތެއް ގާނޫނުގައި ލިޔެފައިވަނީ އެއްވެސް ހާލަތެއްގައި ސިޔާސީ ނުރުހުމެއްގައި އެ ސަކަރާތް ޖެހުމުގެ މަގުސަދެއްގައެއް ނޫނެވެ.
އެއީ ކަނޑައެޅިގެން ގައުމުގެ އިސްތިގުލާލަށް ގެއްލުންވެ، ދީނީ ވަހުދަތު ނަގައިލާ، ގާނޫނީ ހުކޫމާތު ނެތިކޮށްލީމާ ގާނޫނީ އިމުގެ ތެރެއިން އެ ވެރިކަމަށް ނޫނެކޭ ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދިނުމުގެ ގޮތުންނެވެ. އެއްވެސް ހާލެއްގައި މެޖޯރިޓީ އޮތަތީ، އިންތިޚާބުގެ ނާކާމިޔާބީ ގަބޫލުނުކޮށް ޖަހާން އޮތް ސަކަރާތެއް ނޫނެވެ.
"ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި އެ ވަނީ މެންބަރުންގެ އަދަދު ކަނޑައަޅާފައި. އެހެންވީމާ މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލަކުން އެ ކަމެއް ނުކުރެއްވޭނެ،" ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"މިއަދު އެމްޑީޕީގައި މެޖޯރިޓީ އޮތީމާ ތި ބޭފުޅުން މަޖިލީހުގެ ގަވާއިދަށް އެގޮތަށް އެކަން ކުރައްވައިފިނަމަ ވަރަށް ހަޑިހުތުރު ކަމެއް. އެމްޑީޕީއަށް ވެރިކަން ނުލިބުނީމާ ރައީސުލްޖުމްހޫރިއްޔާކަމަށް އައި ބޭފުޅަކު ނައިބާ އެއްކޮށް މަގާމުން އަޒުލުކުރަން އެކަން ކުރަން ވިސްނުމެއް އޮތްކަމަށް ޕަބްލިކްގެ ތެރޭގައި ވާހަކަދެކެވުމުގެ ޖާގަ އެބަ ލިބޭ،"
ޖާގަ އެކަންޏެއް ނޫނެވެ. އެމްޑީޕީގެ ނިޔަތް ސާފެވެ. ޝިފާއު ވިދާޅުވި ގޮތުން ނަމަ އެމްޑީޕީން އެ އަންނަނީ އެކަން ކުރެވޭނެތޯ ބަލަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ގައުމަށް ޣައްދާރުވުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމްޑީޕީން އަންނަނީ އެ މަނިކުފާނު އަޒުލުކުރާނެ ކަމަށް ބުނަމުން -- ފޮޓޯ/ މަޖިލިސް
"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވައިލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާއިބާރު ދައްކައިލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" މަޖިލީހުގައި އެމްޑީޕީން އުފައްދަން އުޅޭ ގަޑުބަޑަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވިއެވެ.
އެމްޑީޕީން އުފައްދަން އެ އުޅެނީ އާ ގަޑުބަޑެކެވެ. ކުރެވޭތޯ އެ އުޅެނީ އާ ކަމެކެވެ.
އެކަމަކު، މެޖޯރިޓީ އޮތަތީ އެމްޑީޕީން އެ ކުރަނީ ބްލެކްމެއިލެވެ. ބަލިގަބޫލުކުރުމުގެ ރީތި ނަމޫނާއަކަށް ވާނީ މަޖިލީހުގައި ގާނޫނީ ސަރުކާރަށް ކުރާ ބްލެކްމެއިލް ހުއްޓައިލެއްވުމެވެ. ވަޒީރުންނަށް ރުހުންދެއްވުމެވެ. ސަރުކާރަށް ފުރުސަތު ދިނުމެވެ. އެ ނޫން ގޮތެއް އެމްޑީޕީއަކަށް ނުވެސް އޮންނާނެއެވެ.