ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިރޭ ފިރިހެނަކު އޭނާގެ މަންމައަށް ހަމަލާދީ، ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓެއްގަައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާ ދީފައިވާ މައްސަލައެއް 18:50ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުން ބުނީ އެއީ 51 އަހަރުގެ އަންހެނެއް ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ހަމަލާ ދީފައި ވަނީ އާއިލީ މައްސަލައެއްގައި ދަރިފުޅު އޭނާގެ މަންމައަށް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާއިލާގެ މެދުގައި ހިނގާ އަރައިރުންތަކުގައި މީގެ ކުރިން ވެސް ހަމަލާދީ، ބައެއް ފަހަރު ސީރިއަސް އަނިޔާ ކުރުމުގެ މައްސަލަތައް ފުލުހުން ބަލާފައި އެބަހުއްޓެވެ.