18 Dec 2023, 19:37
ފުށިދިއްގަރު ފަޅާއެކު ގުޅީފަޅާއި ގިރާވަރު ފަޅު ވެސް ކުރިން ރާވާފައިވާ ވަރަށް ވުރެ އިތުރަށް ހިއްކައި، މާލޭގެ ރައްޔިތުންނަށް އެތައް ޒަމާންތަކެއް ދިމާވެފައިވާ ގެދޮރުގެ މައްސަލައަކަށް ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފުށިދިއްގަރު ފަޅުގައި 'ރަސްމާލޭ'ގެ ނަމުގައި ރަށެއް ހިއްކުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން، ގާތްގަނޑަކަށް އަށް މަސް ތެރޭގައި ހިއްކާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ފަށާފައިވާއިރު މިހާތަނަށް ނިންމާފައި އޮތީ 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަމައެއާއެކު ގިރާވަރު ފަޅުގައި ވެސް މިހާރު އެ ކުރިއަށްދާ މިންވަރަށް ވުރެ މާ ބޮޑު ތަނުން އިތުރު ކުރެވި އިތުރު 50 ހެކްޓަރު ގިރާވަރު ފަޅުން ވެސް އަޅުގަނޑުމެން ހިއްކާނަން. އެހެންވީމަ އަދި މި ދެންނެވި ތަންތަން ބުރިޖުން ގުޅި، މުޅި އެ ސަރަހައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަހައްދަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ރޭވުމުގެ ދަށުން ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ދެވޭނެ ކަމަށެވެ.
"ދެންމެ އަޅުގަނޑު މިދެންނެވި ގިރާވަރު ފަޅާއި ގުޅީފަޅާއި ހުޅުމާލެއާ، މިތަންތަނާ އެކީގައި މި ފުށިދިއްގަރު ފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިޔުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް އިރާދަކުރެއްވިއްޔާ ދާއިމަށް ހައްލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ސަރަހައްދުތައް ހިއްކުމުން، މާލޭގައި ދިރިއުޅޭ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
"އަދި ހަމައެއާއެކީގައި ރާއްޖެގެ އެހެން ރަށްރަށުން ވެސް މިތަންތަނުން ގޯތި ގެދޮރު ބޭނުންވާ ފަރާތްތަކަށް ހަމަ އެ ފުރުސަތު ލިބޭ ގޮތަށް ޕްލޭން ކުރެވިފައި ވަނީ. އެ ފުރުސަތުވެސް ހަމަ ލިބިގެންދާނެ، ހައްލު ހޯދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާބަންކޯއާއެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އެ މަސައްކަތުގައި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ކުރީ ސަރުކާރުގައި ގޯއްޗާއި ފްލެޓު ލިބިފައިވާ އެއްވެސް މީހެއްގެ ނަން އުނިކޮށް، އެ މީހުންނަށް ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް އެ މަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވެއެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބު ތެރޭގައި ޞާލިޙް ވަނީ، ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރެއް އިއުލާން ކުރައްވައި، 4000 އަށް ވުރެ ގިނަ ގޯއްޗާއި 8،000 ފްލެޓް ދޭން ނިންމަވައިފައެވެ. އެ ގޯއްޗާއި ފްލެޓް ދޫކުރުމަށް ނިންމާފައި އޮތީ އުތުރު ތިލަފަޅުންނެވެ.
އެ ސަރުކާރުން ފުރަތަމަ ދޭން އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވާތީ، އެ ފްލެޓުތައް ދިނުން އޮތީ ހުއްޓިފައެވެ. ނަމަވެސް ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިދިޔަ އޮގަސްޓުގައި ނެރެ، އެމީހުންނަށް ލިބޭނެ ބިން ވަނީ ކަނޑައަޅާފައެވެ.