މި ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިއްކާ 'ރަސްމާލެ' ހިންގާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރު ފަޅުގައި ހަދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ސިޓީ ވާނީ އެތަން ހިއްކަނީ މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެފައިވާ ގޮތަށް، އެކަމާ ގުޅުން ހުރި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ. އެގޮތުން ހިއްކާ ރަށުގައި މެދަށް ތިން މީޓަރު އުސްމިން ހުންނާނެ ކަމަށާއި އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މި ތަން ހިއްކިގެން ދާނީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަސްމާލޭގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ވެސް މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށް، ސިޓީ ރާވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރަސްމާލެ ހަދާނީ ކާބަން ޒީރޯ ސިޓީއަކަށް ކަމަށާއި އެއީ ފެހިކަން ގަދަ، ހިތްގައިމު މާހައުލެއް އޮންނަ ތަނަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާނައަކީ މިތާ ދުއްވާ އުޅަނދުފަހަރުވެސް ތިމާވެއްޓާ ރައްޓެހި ފިއުލް ބޭނުން ކުރާނެ ނުވަތަ އެގޮތަށް ދުއްވާނެ. އިލެކްޓްރިކް ނިޒާމް ނޫނީ ބެޓެރި ނިޒާމް. މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީސްއެއްގައި ހުރިހާ ކަމެއްގައި ރިނިއުބަލް އެނާޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މުޅި ސިޓީ އަޅުގަނޑުމެން ހިންގާނީ،" ރައީސް ވިދާޅުވިއެވެ.

"މިތަން ވާނީ އިންޓަނެޝަނަލީ ބްރޭންޑް ކުރެވިގެންދާއިރުގައި މޯލްޑިވްސް އިކޯސިޓީގެ ގޮތުގައި އިރާދަކުރެއްވިއްޔާ."

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ބޭނުމަށް ރައީސް ވަނީ، އެ މަނިކުފާނަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުން ގަރާރެއް ނެރުއްވައި އެ ސަރަހައްދު، ކ. ގުޅީގެ އިހްތިޞާސުން އުނިކުރައްވައިފައެވެ.

އެ ފަޅުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ. އެއީ، ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ.