އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްއެއްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވިވަޑައިގެންނެވި އިބްރާހިމް އިސްމާއިލް (އިބުރާ) އަށް އެ ޕާޓީގެ ރައީސްކަމުގައި އެއް އަހަރު ވެސް ނުހުރެވުނެވެ. ޕާޓީގެ ލީޑާޝިޕާމެދު އުފެދުނު ޚިޔާލުތަފާތު ވުންތަކާ ހެދި ޖެހިވަޑައިގަތީ ޕާޓީ ދޫކުރައްވާ ދުރަށް ވަޑައިގަންނަވާށެވެ. އެއަށް ފަހު އެ ޕާޓީގެ ރައީސްކަމާއި ހަވާލުވެވަޑައިގަތީ ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރަށް ވެސް ވީ ހަމަ އެހެންނެވެ. އޭނާއަށް ވެސް ޕާޓީގެ ރައީސްކަމުގައި ހުރެވުނީ އަހަރެއްހާ ދުވަހު އެވެ. މިއީ އާ ވާހަކައަކަށް ނުވާނެ އެވެ.

ފަހުން ޕާޓީގެ އާންމު މެންބަރުންގެ ވޯޓަކުން ޕާޓީގެ ރައީސްކަމަށް ޑރ. އިބްރާހިމް ދީދީ އަދި ނާއިބު ރައީސަކަަށް އަލްހާން ފަހުމީ އިންތިޚާބު ކުރި އެވެ. ރައީސްކަމާ ހަވާލުވެވަޑައިގަތް ދަނޑިވަޅު ޑީޑީއާ އަލްހާނު ނުކުންނެވީ ޕާޓީ ގޮވައިގެން "މެކުހަށް" ޖަހާށެވެ. މެންބަޝިޕް ލައްކައަކަށް ގެންދިއުމުގެ ވައުދަކާއެކު އެވެ. ޕާލަމެންޓްގެ ކޮންޓްރޯލް ހޯދާނެ ކަމަށް ބުނަމުންނެވެ. ހަމަ އެދަނޑިވަޅު ޕާޓީގެ ވަގުތީ ޗެއާޕާސަން ކަމަށް ރީކޯ މޫސާ މަނިކު އައްޔަން ކުރައްވާ ޕާޓީގެ ރައީސްގެ ބާރުތަކާއެކު ޕާޓީ ވިރާސީ ހުރިހާ ބާރެއް މޫސައަށް ހިތަކަށް ލިބުނު ކަހަލަ މަންޒަރުތައް ފެންނަން ފެށި އެވެ.

ނަތީޖާއަކަށްވީ އާންމު މެންބަރުން އިންތިޚާބުކޮށްފައި ވީނަމަވެސް ރައީސް ކަމުގައި ހުނެވިތާ އަހަރެއްހާ ދުވަސް ފަހުން ޕާޓީގެ ގައުމީ މަޖިލީސްގެ ކުއްލި ޖަލްސާއެއް ބާއްވާ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި ޑީޑީ މަގާމުން ވަކިކޮށްލުމެވެ. އޭނާއާއެކު އަލްހާން ފަހުމީވެސް މަގާމުން ދުރުކުރީ އެވެ.

ޑީޑީއާއި އަލްހާން ވެސް ވިދާޅުވީ އެއް ވާހަކައެކެވެ. އެ ދެބޭފުޅުން މަގާމުން ދުރުކޮށްފައި ވަނީ ސީދާ ރައީސް މުހައްމަދު ނަޝީދުގެ ރޭވުމުގެ ތެރެއިން ކަމަށެވެ. އެހެން ކަމަށް ވެދާނެ އެވެ.

ޑީޑީ ވިދާޅުވި ގޮތުގައި ރައީސް ނަޝީދަކީ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިރުވެސް ޚުދުމުޚުތާރު ގޮތްތަކެއް ގެންގުޅުއްވި ބޭފުޅެކެވެ. ނަޝީދަކީ ޑިމޮކްރަސީގެ ނަމުގައި ޚުދުމުޚުތާރު ގޮތްތަކަށް އަމަލުކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ޕާޓީގެ އިސް ސަފުގައި ރައީސް ނަޝީދު ހިތްޕުޅާނުވާ މީހަކަށް ފައިހަމައެއް ނުކުރެވޭނެ އެވެ. ލީޑާޝިޕް ދައްކާކަށް ޖާގައެއް ނުދޭނެ އެވެ.

"ރައީސް ނަޝީދު ހިތްޕުޅާ ހަމަނުވާ މީހަކަށް ޕާޓީގެ އިސް ސަފުގައި ނުހުރެވޭނެކަން އެނގި ސާބިތުވަމުން މިދަނީ. ރައީސް ނަޝީދަކީ ޑިމޮކްރެސީގެ ނަމުގައި ޚުދުމުޚުތާރު ގޮތަކަށް އަބަދުވެސް އަމަލުކުރައްވާ ބޭފުޅެއް. މީގެ ކުރީގަ ވެސް ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ވެސް އަމަލު ކުރެއްވެވީ ޚުދުމުޚުތާރު ގޮތަށް،" ޑީޑީ ވިދާޅުވި އެވެ.

ރައީސް ނަޝީދު ހިތްޕުޅާ ނުވާ މީހަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުރެވޭނެކަމަށް ޑީޑީ އެއްބަސްވާއިރު ދެން ޑީޑީއާއި އަލްހާނަށް ވެގެންދާނީ ކިހިނެތްތޯ އެބޭފުޅުންގެ ސިޔާސީ މަގު އޮންނާނީ ކޮންގޮތަކަށްތޯ އެންމެވެސް ސުވާލު ކުރެ އެވެ. ޕާޓީ ދޫކުރައްވާފައި ވަޑައިގަންނަވާނީ ހެއްޔެވެ؟ ޕާޓީގައި ދެމި ތިއްބަވާނީ ހެއްޔެވެ؟ އެހެން ޕާޓީއަކަށް ވަޑައިގަންނަވާނީ ހެއްޔެވެ؟ އާ ޕާޓީއެއް ހައްދަވާނީ ހެއްޔެވެ؟

ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ ރައީސް ނަޝީދާމެދު ހިތްހަމަނުޖެހިގެން ޑީޑީއާއި އަލްހާން އުޅުއްވި ނަމަވެސް ރިޔާސީ އިންތިޚާބު އަންނަންވާއިރަށް އެކަންތައް ހައްލުވާނެ އެވެ. ސަބަބަކީ ޑީޑީއާއި އަލްހާނު ވެސް އެ ޕާޓީއަށް އިންތިޚާބު ކާމިޔާބުވުމަށް ބޭނުންވާނެތީ އެވެ. ސިޔާސީ ބޭފުޅަކަށް ވިޔަސް މިއީ ސިޔާސީ ގޮތުން އޮއްޓަރުހުރި ވާހަކައެއްތޯ ވެސް ސުވާލު އުފެދެ އެވެ.

"ޑީޑީއާއި އަލްހާނާއި ރައީސް ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް މިހާރު އޮތަސް ރިޔާސީ އިންތިޚާބާ ހަމަޔަށް ދާންވާއިރަށް އެކަންތައް އަމިއްލައަށް ހައްލުވާނެ. އެއީ އެ ދެ ބޭފުޅުން ވެސް ބޭނުންފުޅު ވާނެ އެމްޑީޕީއަށް ވެރިކަން ހޯދައިދޭން،"

މިއީ އެންމެ ރަނގަޅު ފޯކަސް އަކަށް ވެދާނެ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ޑީޑީއާއި އަލްހާނުވެސް މިހާރު މަސައްކަތް ކުރަމުން އެގެންދަވަނީ ޑިމޮކްރެޓިކް ހަމަތަކުގެމަތިން އެބޭފުޅުންގެ ހައްގުތަކެއް ހޯއްދަވާށެވެ. އަދި އެ މަސައްކަތް ނާކާމިޔާބު ވެއްޖެނަމަ އެ ދެ ބޭފުޅުން އެމްޑީޕީގައި ތިއްބެވުމަކީ ވަރަށް ދުރު ކަމެކެވެ. އަދި އެ ދެ ބޭފުޅުން މަސައްކަތް ކުރައްވާފައިވާ ގޮތަށް ބަލާއިރު އެމްޑީޕީން އެ ދެ ބޭފުޅުން ބަލައިގަތުމަކީ ވަރަށް ނާދިރު ކަމެވެ.

"މިސާލަކަށް ބައްލަވާ އިބްރާ އާއި މުނައްވަރު، އެ ދެބޭފުޅުން މާ ބޮޑު ހަރަކާތެއް އެމްޑީޕީއާ ދެކޮޅަކަށް ނުހިންގަވާ. މާ ގިނަ ވާހަކަތަކެއް ވެސް ނުދައްކަވާ. އެކަމަކު އެ ދެބޭފުޅުން ވެސް ވަޑައިގަންނަވަން ޖެހުނީ ދުރަށް. އެއާ ހިލާފަށް މި ދެ ބޭފުޅުން ވަނީ ހަރަކާތަށް ނުކުމެ ވަޑައިގެންފައި. އެއީ އެމްޑީޕީގެ ލަޝްކަރަށް ފަސޭހަ ކަމަކަށް ނުވާނެ،" މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ. އަޅުގަނޑަށް ވެސް ގަބޫލުކުރެވެނީ އެބޭފުޅުން ވެސް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އެބޭފުޅުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް. ދެން އެ މަސައްކަތް ނާކާމިޔާބު ވެއްޖެ ނަމަ އިތުރަށް އެޕާޓީގަ އެ ދެ ބޭފުޅުން ތިއްބަވާފާނެ ކަމަށް ގަބޫލެއް ނުކުރެވޭ،"

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި ޑީޑީއާ އަލްހާން އަލުން އެމްޑީޕީގެ ތެރެއަށް ވަޑައިގެންނެވި ނަމަވެސް އަދި މަގާމެއް ހޯއްދެވިއަސް އެބޭފުޅުންނަށް ތަބާވާނެ ބަޔަކު އެމްޑީޕީގެ ތެރެއަކުން ނުވާނެ އެވެ. އެހެންކަމުން ހައްގު ހޯދަން ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުން ވެސް އެކުރައްވަނީ ބޭކާރު މަސައްކަތެކެވެ.

"ކާމިޔާބު ވިޔަސް އަޅުގަނޑަކަށް ހިޔެއް ނުވޭ ޕާޓީ ތެރޭގައި އެބޭފުޅުންގެ ބަހެހެއް ވިކޭނެހެން. ނުވިކޭނެ! އަމިއްލައަށް މާޔޫސްވެވަޑައިގެން ޕާޓީދޫކޮށް ދިޔުމަކީ ވަރަށް ކައިރި ކަމެއް،" މުސްތަފާ ވިދާޅުވި އެވެ.

އަލްހާނަކީ ޑީއާރްޕީގެ ޓިކެޓްގައި އެ ޕާޓީގެ އާންމު މެންބަރުން ފޭދޫ ދާއިރާއަށް އިންތިޚާބު ކުރި މެންބަރެކެވެ. ޑީއާރްޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގަންނަން ޖެހުނީ ޕާޓީގެ ނިންމުމާ ޚިލާފަށް މަޖިލީހުގައި ވޯޓު ދެއްވުމުން ޕާޓީން އޭނާއާ މެދު ފިޔަވަޅު އެޅުމުންނެވެ. އޭގެ ފަހުން އޭނާވެވަޑައިގަތީ އެމްޑީޕީގެ އަރާ ތަރިއަށެވެ. ޑީޑީއަކީ އެމްޑީޕީއަށްޓަކައި ގުރުބާނީތަކެއްވެ އެޕާޓީ ކުރިއެރުވުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކެވެ. ލޯބި އޮތް ބޭފުޅެކެވެ. ޑީޑީ އާއި އަލްހާން ޕާޓީގެ ލީޑާޝިޕަށް ވަޑައިގަތުމަށް ފަހު ޕާޓީ ގޮވައިގެން "މެކުހަށް"ޖެހި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު މެޝިނުގައި ޖެހުނު ކުންޏަކަށްވީ އަލްހާނާއި ޑީޑީ އެވެ. އެހެން ކަމުން އެމްޑީޕީގެ "ޔެލޯފޯސް" އަށް މަޖުބޫރުވީ މެކުހަށް ޖެހި ދެ ގިޔަރު ކަނޑާލާށެވެ. ނަތީޖާއަކަށް ވާނީ ދެ ބޭފުޅުން ވެސް އެމްޑީޕީއާ ދުރަށް ވަޑައިގެން އެހެން ޕްލެތްފޯމެއްގައި ބާރު ގަދަކުރެއްވޭތޯ މަސައްކަތް ފެއްޓެވުމެވެ. އެކަމަކު ސިޔާސީ ދާއިރާއަކީ ދުރަށް ފޯކަސް ކުރަން ދަތި ދާއިރާއެކެވެ. ދިމާ އިދިކޮޅަށް ވެސް ކަން ހިގާފާނެ އެވެ.