ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކްއިން ވިއެފްބީ ޝުޓުޓްގާޓް ބަލިކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔަބު ކޮށްފައިވަނީ 3-0 އިން ނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ޝުޓުޓްގާޓްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފެއްދީ ބަޔާނުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓްގައި ޖަހައި ބަޔާންއަށް ލީޑު ނަގައިދިނީ މި ސީޒަންގައި ބަޔާނަށް މޮޅު ކުޅުމެއް ދައްކަމުންދާ ހެރީ ކޭންއެވެ.

މި މެޗުގައި ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 55ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ކޭންއެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ބުންޑަސްލީގާގައި އެންމެ އަވަހަށް 20 ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

ކޭން 20 ލަނޑު ހަމަކޮށްފައިމިވަނީ 14 މެޗުންނެވެ. މީގެ ކުރިން މި ރިކޯޑް އޮންނަނީ 1963-1964ވަނަ އަހަރުގެ ސީޒަންގައި ހެމްބާގްގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ އުވޭ ސޫލާ އަތުގައެވެ. އޭނާ އެ ސީޒަންގައި 20 ލަނޑު ޖަހާފައިވަނީ 21 މެޗުންނެވެ.

މި މެޗުގައި ބަޔާންގެ ފަހު ލަނޑު މެޗުގެ 63ވަނަ މިނެޓްގައި ޖަހައިދިނީ ކިމް މިން ޖާއެއެވެ. މި ކާމިޔާބީއާއެކު ބަޔާން މިހާރު އުޅެނީ 14 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ޝުޓުޓްގާޓް އުޅެނީ 31 ޕޮއިންޓާއެކު ތާވަލްގެ ހަަތަރުވަނައިގައެވެ.