18 Dec 2023, 18:12
ހދ. ކުޅުދުއްފުށިން ފައިލޭރިއާގެ 19 ކޭސްއެއް ފެނުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ޓާސްކް ފޯސްއެއް އެކުލަވާލައި، މިހާތަނަށް 295 ބިދޭސީން ބައްޔަށް ސްކްރީން ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލުން ސިޓީ ކައުންސިލާއި ކަމާ ގުޅުން ހުރި އެހެން ފަރާތްތައް ހިމެނޭހެން ޓާސްކް ފޯސްއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ސްކްރީނިން ޕްރޮގްރާމާ ގުޅޭ ގޮތުން އެ އޭޖެންސީން ބުނީ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ބަލި ޖެހިފައިވާ 19 މީހުންނަށް ބޭސް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޓެސްޓު ކުރުމަށް ބޭނުންވާ ކިޓުތައް ކުޅުދުއްފުށި ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީގާއި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމާއި ބައްޔާއި ގުޅޭ ގޮތުން އިތުރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު ބަލިފެތުރުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ރާވާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެގޮތުން ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ފަރާތްތަށް ޓެސްޓުކުރުމާއި ފައިލޭރިއާ ބައްޔާ ގުޅުން ހުރި ގައިޑްލައިންތައް އެކުލަވާލުން ހިމެނެއެވެ. އަދި އެހެނިހެން ރަށްރަށުގައި ފައިލޭރިއާ ސްކްރީނިން ކުރިއަސް ގެންދިޔުމަށް ރޭވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް އެނގޭ ބަހުރުވައަކުން ޕޯސްޓަރާއި ވީޑީއޯ ތައްޔާރު ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
ކުޅުދުއްފުށީގައި ބައްޔަށް ޓެސްޓުކުރުމުގެ ތެރެއިން މިއަދު ވަނީ އިތުރު ދެ ކޭސްއެއް ފެނިފައެވެ.
ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.
މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.
އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ.