19 Dec 2023, 09:51
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ރެއާލުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-4ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރެއާލުން މެޗުގެ ލީޑު ނެގީ މެޗުގެ 25ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަންގައި ރެއާލަށް މޮޅު ކުޅުމެއް ދެއްކި ޖޫޑް ބެލިންހަމްއެވެ.
މިއީ އޭނާ މިފަހަރު ލަލީގާގައި ކާމިޔާބުކުރި 13ވަނަ ލަނޑެވެ. މި މެޗުގައި ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 37ވަނަ މިނެޓްގައި ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ރޮޑްރިގޯއެވެ.
މި މެޗުގައި ވިޔަރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 54ވަނަ މިނެޓްގައި ޖަހައިދިނީ ހޯސޭ ލުއިސް މޮރާލޭސްއެވެ. މި މެޗުގައި ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 64ވަނަ މިނެޓްގައި ޖަހައިދިނީ ބްރަހީމް ޑިއާޒެވެ. އަދި ފަހު ލަނޑު މެޗުގެ 68ވަނަ މިނެޓްގައި ޖަހައިދިނީ ލޫކާ މޮޑްރިޗެވެ.
މި ކާމިޔާބީއާއެކު ރެއާލް މިހާރުވަނީ ކުޅުނު 17 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން އަރާފައެވެ.
އެއީ ކުރިން އެއްވަނައިގާ އޮތް ޖިރޯނާ އަދި މި ހަފުތާގައި ކުޅޭ މެޗު ކުޅެފައިނުވާތީއެވެ. ޖިރޯނާއަށް ލިބިފައިވަނީ 16 މެޗުން 41 ޕޮއިންޓެވެ.