18 Dec 2023, 16:03
"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
އެމަނިކުފާނު މި އިދާރާ އުފެއްދެވީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
އެ އިދާރާ އުފައްދަވައި، އެއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ.
މިކަން އިއުލާނުކުރައްވާ މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކަމަށެވެ. އަދި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމަކީ ވެސް އޭގެ ބޭނުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ކަމަށެވެ.
އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496ކެވެ.
"މޯލްޑިވްސް ޒަކާތު ހައުސް"ގެ މަސައްކަތްތައް:
ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން
- ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން
- މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިއުލާނުކުރުން
- ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން
ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ރައީސް މުއިއްޒު ވަނީ ޒަކާތާ ބެހޭ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވުމަށް ޚާއްސަ އިދާރާއެއް ތައާރަފުކުރައްވާނެ ކަމަށް ވައުދުވެލައްވާފައެވެ.