ހދ. ވައިކަރަދޫގައި މިއަދު ބޭއްވުމަށް ހަމަޖެއްސި ޝެއިޚް އިލްޔާސް ހުސައިންގެ ދަރުސް ބޭއްވުމުގެ ހުއްދަނުދޭ ގޮތަށް އެ ރަށު ކައުންސިލްގެ އިދާރާ އިން ނިންމައިފި އެވެ.

އެމްޑީޕީގެ ފަސް މެންބަރުން ތިއްބަވާ ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު މިއަދު ވިދާޅުވީ އަދާލަތު ޕާޓީގެ ވައިކަރަދޫ ގޮފިން އިސްނަގައިގެން ބޭއްވުމަށް ހަމަޖެއްސި އިލްޔާސްގެ ދަރުސް ބޭއްވުމުގެ ހުއްދަ ނުދިނުމަށް ނިންމީ ރަށުގެ މަސްލަހަތަށް ޓަކައި ކަމަށެވެ.

"ރަށުގެ މަސްލަހަތަށް ބަލާފައި ހުއްދަ ނުދޭން ނިންމީ،" ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ އިލްޔާސްގެ ދަރުސް ބޭއްވުމުގެ ހުއްދަ އަށް އެދުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި އަންހެނުންނަށް ޚާއްސަކޮށްގެން މިއަދު ބޭއްވުމަށް ހަމަޖެއްސި ދަރުސާ ގުޅިގެން ރަށުގައި ފިތުނަ އުފެދިދާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ވެސް ކަންތައްވެފައި ވަނީ އެގޮތަށް ކަމަށް އާންމުން ބުނެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ އެކަމާ ހެދި ރަށުގެ އާންމު މަސްލަހަތަށް ފުށުއަރާނެތީ އާއި ކައުންސިލަށް އެކަން ކޮންޓްރޯލު ނުކުރެވޭނެ ކަމަށް ބަލައި އިލްޔާސުގެ ދަރުސް ދުނުމަށް ހުއްދަ ނުދޭން ނިންމީ ކަމަށެވެ.

އިލްޔާސްގެ ދަރުސް ދިނުމަށް ނިންމާފައި ވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު ވައިކަރަދޫ މަސްޖިދުލް އިޚްލާސްގަ އެވެ. ނަމަވެސް ދަރުސް ދެއްވަނީ ކޮން މައުޟޫއަކަށް ކަމެއް ނޭނގެ އެވެ.

ކައުންސިލަރު ވިދާޅުވީ ދަރުސް އަމާޒުކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ނަށް ކަމަށެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ މާލޭ ސިޓީގައި ވެސް އިލިޔާސްގެ ދަރުސުތައް ބޭއްވުމަށް ކައުންސިލުން ވަނީ ހުއްދަ ނުދީފަ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެފައި ވަނީ ދީނީ ދަރުސު ދިނުމުގެ ހުއްދަ އޮންނަ ކޮންމެ ބޭފުޅަކަށް ވެސް ރާއްޖޭގެ ކޮންމެ މިސްކިތެއްގައި ވެސް ދީނީ ދަރުސު ދެއްވޭނެ ކަމަށެވެ. އަދި ކައުންސިލަށް އެކަން އެންގުމުން ފުދޭނެ ކަމަށެވެ.