ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވައިފިއެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ވުޒާރާތަކާއި މަސައްކަތު ދާއިރާތަކުގެ މެންޑޭޓު މިހާތަނަށް ހުށަނާޅާ އޮތުމުގެ ސަބަބުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ނުދީ, އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފައެވެ.

ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައި އޮތް މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފުރިހަމަނުވާ ކަމަށް ނިންމައި، އެ މައްސަލަ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވައިލާފައެވެ.

އެ ނިންމުން ނިންމާފައި އޮއްވާ ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި މިއަދު އެ މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުން ވަޒީރުންނަށް ރުހުންނުދީ އެ މައްސަލަ އަނބުރަ ކޮމިޓީއަށް ފޮނުވައިލަން ނިންމުމާ ދެކޮޅަށް ސަރުކާރުގެ ބައެއް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސަށް ވަކި މައްސަލައެއްގައި ގޮތެއް ނިންމިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އަދި، ގޮތެއް ނިންމާނަމަ ނިންމަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެން ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އަބަދު ވެސް އަމަލުކުރަމުން އައި އުސޫލުތައް، ސިޔާސީ ސަބަބުތަކަކަށްޓަކައި ދޫކޮށްލުމަކީ ދެރަކަމެއް ކަމަށް ވިދާޅުވެ، ވަޒީރުންނަށް ރުހުންދިނުން ލަސްކުރުމުން ބަންޑާރަނައިބު މުހައްމަދު އުޝާމް ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ބަންޑާރަނައިބު ވިދާޅުވީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުން މިއީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. ކުރިން މަޖިލީހުން އަމަލުކުރަމުން އައީ ވެސް އެގޮތަށް ކަމަށް އުޝާމް ވިދާޅުވިއެވެ.

އެގޮތުން ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި:

  • ކުރީ ސަރުކާރުން ވަޒީރުންނަށް ރުހުން ހޯދަން ހުށަހެޅީ 22 ނޮވެމްބަރު 2018 ގައި

  • މަޖިލީހުން ވަޒީރުންނަށް ރުހުންދިނީ ހަތަރެއް ޑިސެމްބަރުގައި
  • މެންޑޭޓު ފާސްކުރަން ހުށަހެޅީ 13 ޑިސެމްބަރުގައި

"ސިޔާސީ ސަބަބުތަކަށްޓަކާ މަޖިލީހުން އަމަލުކުރަމުން އައި އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް،" އުޝާމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވާއިރު، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ތިއްބެވީ އެންމެ ހަތަރު މެންބަރުންނެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން އަންނަނީ ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުންދިނުމާ ދެކޮޅަށް ވެސް ވާހަކަދައްކަވަމުންނެވެ.

އިތުރު ތިން ވުޒާރާ އުފެއްދުމަށް ފަހު، ސަރުކާރުން ވަނީ ޖުމުލަ 22 ވުޒާރާ ހިމެނޭހެން ސަރުކާރު އެކުލަވައިލާފައެވެ. އަލަށް އުފެއްދި ވުޒާރާތަކުގެ ތެރޭގައި ހިމެނެނީ، ލޯކަލް ގަވަނަންސް މިނިސްޓްރީއާއި ކުރިން ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އައި އެނިމަލް ވެލްފެއާގެ ކަންކަމަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުމާއި ކުރިން ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އައި ކުޅިވަރުގެ ކަންކަމަށް ވެސް ހާއްސަކޮށް ސްޕޯޓްސް މިނިސްޓްރީއެއް އުފެއްދުމެވެ.