ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ފަސޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކުރަން އާންމު ކޮމިޓީން ނިންމި ގޮތަށް އިސްލާހަކާ އެކު، މަޖިލީހުގެ ގަވާއިދު ފާސްކުރަން މިއަދު ވަނީ ފާސްވެފައެވެ.

ކޮމިޓީއަށް ވަނީ މައިގަނޑު ތިން މާއްދާއެއް އިސްލާހުކުރަން ފާސްކޮށްފައެވެ. އެއީ، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު 49 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހެވެ. އެއީ:

  • ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން

  • ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު
  • އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކުރުން
  • އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ތަމުސީލުވާން ނުޖެހޭ ގޮތް ހެދުން

ޝިފާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރުގައި އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނައި ގޮތަށެވެ. އޭރުން، މަޖިލީހުގެ މި ދައުރުގެ ބާކީ އޮތް ބައިގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ މަގާމުތަކާ ހަވާލުވާން ހަތް މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެކަމަކު، ގާނޫނު އަސާސީގައި މެންބަރުންގެ އަދަދު ބަޔާންކުރާއިރު، ގަވާއިދަށް ގެންނަ އިސްލާހަކުން މެންބަރުންގެ އަދަދަށް ބަދަލުނުގެނެވޭނެ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެ މާއްދާތައް އިސްލާހުކޮށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުގެ ކުރީގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ވަނީ އެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެއީ، މައްސަލަ ތަހުގީގުކުރަމުންދާއިރު ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކޭ ގޮތަށެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ކޮމިޓީއަށް ހާޒިރުވެ، ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އަދި، ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރީގައި މަދުވެގެން ދެ ގަޑިއިރުގެ ނޯޓިހެއް ފޮނުވަން ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފައެވެ.

އެ އިސްލާހުގައި ވަނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ފަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް އެކުލަވައިލާ މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭ ގޮތަށް ބަދަލުކޮށްފައެވެ. އެއަށް ފަހުގައި އެ ރިޕޯޓަށް ލިޔުމުން ޖަވާބުދާރީވާން ވެސް ރައީސާއި ނައިބު ރައީސަށް ދެ ދުވަހުގެ ފުރުސަތެއް އަރުވަން ވަނީ ހުށަހަޅައިފައެވެ. އެހެންވެ، އެ މައްސަލައިގައި އެކުލަވައިލާ ރިޕޯޓަށް ހަފުތާއެއް ތެރޭގައި ވޯޓަށް އަހަން ޖެހޭނެއެވެ.

މަޖިލީހުގައި މިއަދު އެންމެ ފުރަތަމަ ވޯޓަށް އެހީ، ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ހިސާން ހުށަހެޅުއްވި އިސްލާހުތައް އިތުރުކުރުމަށެވެ. އެ އިސްލާހުތައް އިތުރުކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 45 މެންބަރުން ވަނީ އިސްލާހު ބަލައިގަންނަން ވޯޓު ދެއްވައިފައެވެ. އިސްލާހު ބަލައިގަތުމާ ދެކޮޅަށް 10 މެންބަރަކު ވޯޓުދެއްވިއެވެ.

އެހެންވެ، އެ އިސްލާހު ފާސްވުމާ އެކު އަސްލަމް ވަނީ ހިސާންގެ އިސްލާހާ އެކު މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމާ މެދު ވޯޓަށް އަހައިފައެވެ.

އެ އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން ވޯޓުގެ ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އިސްލާހު ފާސްކުރަން ވޯޓުދެއްވައިފައެވެ. އިސްލާހާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.

އެހެންވެ، މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާއަށް އާންމު ކޮމިޓީން ގެނައި ބަދަލާ އެކު މަޖިލީހުން ހުށަހެޅި އިސްލާހު އިތުރުކޮށް، ވަނީ ފާސްކޮށްފައެވެ.

މެންބަރުންގެ އަދަދު ގުނުމާ މެދު ޝިފާއު ހުށަހަޅުއްވައި، އާންމު ކޮމިޓީން ފާސްކުރި އިސްލާހަށް ވޯޓަށް އެހީ ވަކިންނެވެ. އެ އިސްލާހު ފާސްކުރަން ހާޒިރުވެތިއްބެވި 63 މެންބަރުންގެ ތެރެއިން 42 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވޯޓުދެއްވިއެވެ.

އިސްލާހު ފާސްވުމާ އެކު މި ހިނގާ 19ވަނަ މަޖިލީހުގެ ބާކީ މުއްދަތުގައި މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ އެކިއެކި މަގާމުތަކާ ހަވާލުވާން ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ދައުރުގެ ބާކީ އޮތް މުއްދަތަށް މެންބަރުން އިންތިޚާބު ނުކުރާން ނިންމައިފައެވެ. އެއީ، އަންނަ އަހަރު ކުރީކޮޅު 20 ވަނަ މަޖިލީސް އިންތިޚާބު އޮންނާތީއެވެ.

އެހެންވެ، މިހާރު 53 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. ހަމައެކަނި އެމްޑީޕީއަށް ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް އިސްލާހެއް ފާސްކުރީއިރު އެމްޑީޕީގެ މެންބަރުން އަންނަނީ ރައީސް އަޒުލުކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

މިއަދުގެ މަޖިލީހުގައި މެންބަރު ޝިފާއު ވަނީ ރައީސް އަޒުލުކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:

  • އެމްޑީޕީގެ 56 މެންބަރުން

  • ޑިމޮކްރެޓްސްގެ 13 މެންބަރުން
  • ޕީޕީއެމްގެ ދެ މެންބަރުން
  • ޕީއެންސީގެ ދެ މެންބަރުން
  • ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން
  • އެމްޑީއޭގެ ދެ މެންބަރުން
  • އަމިއްލަ ތިން މެންބަރުން

ރައީސާއި ނައިބު ރައީސް އަޒުލުކުރެވޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ، އިސްލާމް ދީނާއި ނުވަތަ ގާނޫނު އަސާސީއާ ހިލާފުވުން، މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއް ކުރުން އަދި، މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުމެވެ.