ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު އަނެއްކާ ވެސް މި މަހު 28ގެ ނިޔަލަށް ދަންމައިލަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ދައުރު ތިން ވަނަ ފަހަރަށް ދަންމައިލަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަދި ނިމިފައި ނުވާތީއެވެ. ވަޒީރުންނަށް ރުހުން ދިނުން މިއަދަށް އެޖެންޑާ ކުރުމަށްފަހު، ކޮމެޓީގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް ނިންމައި އަލުން ވަނީ ކޮމެޓީއަށް ފޮނުވައިލައިފައެވެ.

ކުރިން އޮތް ގޮތުން މަޖިލީހުގެ މި ދައުރު ހަމަވާނީ މިއަދަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ފަހުން ނިންމެވީ މި މަހުގެ 28ގެ ނިޔަލަށް ދައުރު ދަންމާލުމަށެވެ.

އެހެންވެ އެގޮތަށް ފާސްކުރަން މިއަދު ތަޅުމުގައި ވޯޓަށް އެހީއެވެ. އެ ވޯޓްގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ނިންމީ ދައުރު ދަންމާލުމަށެވެ.

މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ނުނިމި ލަސްވުމުގެ ސަބަބުން އެންމެ ފުރަތަމަ ދައުރު ދަންމާލުމަށް ދުވަސް އިތުރު ކޮށްފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. އެއަށް ފަހު މި ދައުރު މިއަދުގެ ނިޔަލަށް އިތުރުކުރަން އަސްލަމް އަނެއްކާ ވެސް ހުށަހެޅުއްވިއެވެ. އެއަށް ފަހު މިއަދާ ހަމައަށް އައިއިރު ވެސް ކެބިނެޓުގެ ރުހުން ދިނުން ފަދަ މުހިންމު މަސައްކަތްތައް އަދިވެސް ހުރުމާ އެކު އަނެއްކާ ވެސް ދައުރު ވަނީ ދަންމާލާފައެވެ.

މިއަދަށް އޮތީ ވަޒީރުުންނަށް ރުހުންދިނުމާ މެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އެޖެންޑާކޮށްފައެވެ. އެކަމަކު، އެ ރިޕޯޓުގައި މަޖިލީހުގައި ގަވާއިދުގެ 200 ވަނަ މާއްދާގެ ރ ގައި ބަޔާންކުރާ ކަންތައްތަކެއް ފުރިހަމަނުވާ ކަމަށް ނިންމައި، އަސްލަމް ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލަން ނިންމައިފައެވެ.

އެހެންވެ، ވަޒީރުންނަށް ރުހުންދޭން މިއަދަށް އެޖެންޑާކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.

މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރުގެ ބޮޑު ބައެއް ހޭދަވީ އެމްޑީޕީން ހުށަހެޅި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުންވުމުގައެވެ.

މަޖިލީހުގެ ގަވާއިދުގެ އެކިއެކި މާއްދާތައް ނަންގަވައިގެން މަޖިލީސް ހުއްޓުވާފައި އެތައް ދުވަހެއް ވަންދެން ބޭއްވިއެވެ. އެންމެ ފަހުން، އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ މަޖިލީސް ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށް ހުކުމް ކޮށްފައެވެ.

ކޯޓުގެ ހުކުމާ އެކު އަނެއްކާ ވެސް މަޖިލީސް ހިނގައިގަތުމުން ނަޝީދު ވަނީ އަމިއްލަފުޅަށް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.