18 Dec 2023, 14:34
އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗް އާސެނަލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބްރައިޓަންއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައި ވަނީ އާސެނަލް އިންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި އާސެނަލްއިން މެޗް ޑޮމިނޭޓްކޮށް ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް ބްރައިޓަންގެ ޑިފެންސް ފޫއަޅުވާލުމުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ.
މި މެޗްގައި އާސެނަލްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައި ވަނީ މެޗްގެ 53 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގެބްރިއެލް ޖޭސުސްއެވެ.
މި މެޗްގައި ބްރައިޓަންއަށް ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޕަސްކާލް ގްރޮސްއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތެއް ނުވިއެވެ. މި މެޗްގައި އާސެނަލްއިން އެ ޓީމްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗްގެ 87 ވަނަ މިނެޓްގައި ކައި ހަވާޓްޒް ޖަހާދިން ލަނޑުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އާޓޭޓާ ވަނީ އޭނާގެ ޓީމް މި މެޗްގައި ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ. އަދި ބްރައިޓަން ކަހަލަ ކުޅެން އުނދަގޫ ޓީމަކާ ދެކޮޅަށް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރަމުންދިޔަ ދިއުމުގެ ނަތީޖާ އެންމެ ފަހުން ފެނިގެންދިޔައީ ކަމަށާއި މިއީ ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އާޓޭޓާ ސިފަކުރިއެވެ.
މި މެޗުން މޮޅުވުމާއެކު އާސެނަލްއަށް މިހާރުވަނީ ކުޅުނު 17 މެޗުން 39 ޕޮއިންޓް ލިބި ތާވަލްގެ އެއްވަނައިގާ އެއް ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި ބްރައިޓަން އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.