19 Dec 2023, 00:45
މޮސްކޯ (18 ޑިސެންބަރު 2023): ރަޝިއާއިން ސިވިލްއޭވިއޭޝަންގެ ސިނާއަތަށް ކުރާ އިންވެސްޓްމަންޓްތައް ގިނަކޮށް މަދަނީ މަތިންދާ ބޯޓު އުފެއްދުމަށް ކުރާ ޚަރަދު އެތައް ގުނައެއް އިތުރުކޮށްފައިވާކަމަށާއި 2030 ވަނަ އަހަރުގެ ކުރިން ފަސިންޖަރު މަތިންދާބޯޓުގެ ހާހަކަށްވުރެ ގިނަ ބޯޓު އުފައްދާނެކަމަށް ރައީސް ވްލަދިމިޔާ ޕޫޓިން ވިދާޅުވެއްޖެއެވެ.
މޮސްކޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޫޓިން ވިދާޅުވީ ރަޝިއާއަކީ ސިވިލްއޭވިއޭޝަން ޓެކްނޮލޮޖީ ލިބިފައިވާ އަދި އެދާއިރާގައި ވަރަށް ކުރިއަރާފައިވާ ގައުމެއްކަމަށެވެ. ރަޝިއާއަކީ އަމިއްލަ ޓެކްނޮލޮޖީގައި މިހާރުވެސް ދެބާވަތެއްގެ ފަސިންޖަރު ބޯޓު އުފައްދާ ގައުމެކެވެ.

ރަޝިއާގައި އުފައްދާ ސޮޚޮއި ސުޕާޖެޓް މަރުކާގެ މަތިންދާބޯޓު
ސޮޚޮއި ސުޕަޖެޓް 100ގެ ބޯޓާއި އެމްސީ 21 މަރުކާގެ ފަސިންޖަރު ބޯޓަކީ ރަޝިއާގެ އަމިއްލަ އުފެއްދުމެކެވެ. ނަމަވެސް މިދާއިރާއަށް ކުރިން މާބޮޑަށް އިންވެސްޓް ނުކުރާތީ ވަރަށް މަދުން ނޫނީ މިބާވަތުގެ މަދަނީ މަތިންދާބޯޓު ރަޝިއާއަކަށް ނުއުފެއްދެއެވެ. އަނެއްކޮޅުން ޗައިނާއަކީވެސް ވަރަށް ފަހުން މަދަނީ މަތިންދާބޯޓުގެ ސިނާއަތަށް ވަދެފައިވާ ގައުމެކެވެ. ޗައިނާއިން އުފައްދާ މަދަނީ ނުވަތަ ފަސިންޖަރު މަތިންދާބޯޓަކީ ކޮމާކް ސީ 919 އެވެ.
މި ބޯޓު އުފެއްދުމުގައި އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތަކަށް ޗައިނާ އަދި ބަރޯސާވާން ޖެހެއެވެ. ނަމަވެސް ޗައިނާ ވަރަށް އަވަހަށް މިދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވާނެކަމަށާއި އެކަމުގެ ރޭވުންތައް ޗައިނާ ތަންފީޒު ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ހައެއްކަ އަހަރު ތެރޭގައި ސިވިލްއޭވިއޭޝަން ޓެކްނޮލޮޖީގައި މުޅިން އަމިއްލަ ފައިމައްޗަށް ޗައިނާ ތެދުވާނެކަމަށްވަނީ ބެލެވިފައެވެ.
ރަޝިއާއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޒަމާނުގައި 1980ގެ އަހަރުތަކުގައިވެސް މަދަނީ މަތިންދާބޯޓުގެ ޓެކްނޮލޮޖީ ހާސިލްކޮށްފައިވާ ގައުމެކެވެ. ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު އެސިނާއަތުގެ ބޮޑުބައި ލިބިފައިވަނީ ރަޝިއާ އަށެވެ. ނަމަވެސް ރަޝިއާއިން ސިވިލްއޭވިއޭޝަންގެ ސިނާއަތަށް ކުރާ ޚަރަދުތަކާއި އިންވެސްޓްމަންޓްތައް މަދުކަމުން މިހާތަނަށް އެދާއިރާ އޮތީ އެކަށީގެންވާވަރަށް ތަރައްގީ ނުކުރެވިއެވެ.

ޗައިނާގައި އުފައްދާ ކޮމާކް ސީ 919 މަރުކާގެ ފަސިންޖަރު މަތިންދާބޯޓު
ސިވިލްއޭވިއޭޝަން ޓެކްނޮލޮޖީގެ އިލްމާއި ހުނަރާ އެކަމާބެހޭ ކާރުޚާނާތައް ރަޝިއާގައި އެބަހުއްޓެވެ. ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރެއިން ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށްފަހު ރަޝިއާވަނީ ސިވިލްއޭވިއޭޝަންގެ ސިނާއަތަށް ކުރާ އިންވެސްޓްމަންޓްތައް ގިނަކޮށްފައެވެ. އަދި މަދަނީ މަތިންދާ ބޯޓު އުފެއްދުމަށް ކުރާ ޚަރަދުތައްވެސް އެތައް ގުނައެއް އިތުރުކޮށްފައެވެ.
މިކަމުގެ ނަތީޖާ ކުރިއަށްއޮތް ފަސްވަރަކަށް އަހަރުތެރޭގައި ވަރަށް އުޖަލާކޮށް ފެންނާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ. މިގޮތުން ކުރިޔަށް އޮތް ފަސްވަރަކަށް އަހަރުތެރޭގައި އެމެރިކާގެ ބޮއިންގް އާއި ޔޫރަޕްގެ އެއާބަސް ފެންވަރުގެ ޒަމާނީ ކޮމާޝަލް މަތިންދާބޯޓުތައް ރަޝިއާއަށް އުފެއްދޭނެކަމަށް ޕޫޓިން ވިދާޅުވިއެވެ.
ސިވިލްއޭވިއޭޝަންގެ ސިނާއަތުގައި ރަޝިއާ ކުރިޔަށް ގޮސްފިނަމަ މިދާއިރާގައި ޒަމާނުއްސުރެ އޮންނަ އެމެރިކާއާއި ޔޫރަޕްގެ ހަރުކަށި އަދި އަނިޔާވެރި މޮނޮޕޮލީ ނިމުމަކަށް އަންނާނެއެވެ. ޗައިނާވެސް ކުރިޔަށްއޮތް ފަސްވަރަކަށް އަހަރުތެރޭގައި ސިވިލްއޭވިއޭޝަންގެ ސިނާއަތުގައި އަމިއްލަ ފައިމައްޗަށް ތެދުވާނެކަމަށް ވަނީ ބެލެވިފައެވެ.
ސިވިލްއޭވިއޭޝަންގެ ސިނާއަތަކީ އެމެރިކާއާއި ޔޫރަޕުން އެދެފަރާތުގެ ދުޝްމަނުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ސިނާއަތެކެވެ. އީރާނާއި ވެނެޒުއެލާ، އުތުރުކޮރެއާ އަދި ރަޝިއާފަދަ އެމެރިކާގެ ސިޔާސަތުތަކަށް ގޮންޖަހައި އެމެރިކާއާ ދެކޮޅަށް އަޑުއުފުލާ ގައުމުތަކަށް އެމެރިކާއާއި ޔޫރަޕުންވަނީ ސިވިލްއޭވިއޭޝަންގެ ސިނާއަތުގެ ދާއިރާގައި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އެމެރިކާއާއި ޔޫރަޕުންވަނީ އެފަރާތްތަކުން އުފައްދާ މަދަނީ މަތިންދާބޯޓުތަކާއި އޭގެ ސްޕެއާޕާޓްސް އީރާނަށް ވިއްކުން މަނާކޮށްފައެވެ.
ރަޝިއާއިން ސިވިލްއޭވިއޭޝަންގެ ސިނާއަތަށް ކުރާ އިންވެސްޓްމަންޓްތައް ގިނަކޮށް އެދާއިރާ ތަރައްގީކުރަން ކަމަރު ބަނދެލާފައިވަނީ މިދިޔައަހަރު ފެށުނު ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ފަހުއެވެ. މިފިޔަވަޅުތަކަށް ގޮންޖަހައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ރައީސް ޕޫޓިން ފެއްޓެވި ޕްރޮގްރާމުގެ ދަށުންނެވެ.
ރަޝިއާއިން މިސިނާއަތު ކުރިއަރުވަން ފެށުމުން އީރާން ފަދަ ގައުމުތަކާ ދެކޮޅަށް މިދާއިރާގައި އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކެނޑިގެންދާނެއެވެ. އެއީ ރަޝިއާގައި އުފައްދާ ސޮޚޮއި ސުޕަޖެޓް 100 ގެ ފަސިންޖަރު މަތިންދާ ބޯޓާއި އެމްސީ 21 މަރުކާގެ ފަސިންޖަރު ބޯޓު ފަސޭއިން އީރާނަށް ލިބިގެންދާނެތީއެވެ. އީރާން ގެންދަނީ ޗައިނާގައި އުފައްދަންފެށި ކޮމާކް ސީ 919 ފަސިންޖަރު މަތިންދާބޯޓު ގަތުމަށްވެސް މަސައްކަތް ކުރަމުންނެވެ.