ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ރަޖިސްޓްރީވުމަށް ހަމަޖެހިފައިވަނީ މުބާރާތަށް ހާއްސަ ކޮށްފައިވާޕޯޓަލްމެދުވެރިކޮށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ގިނަ ބަޔަކަށް ހުޅުވާލައިފައެވެ. އެ ގޮތުން ޙާފިޛުންނަށާއި، ސުކޫލުތަކުގެ ދަރިވަރުންނަށާއި، ޔުނިވާސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ގުރުއާން ކުލާސް ތަކަށް ފުރުސަތު ވަނީ ދީފައެވެ. އަދި ގުރުއާނުގެ ދާއިރާ ނުވަތަ ދީނީ ގޮތުން ހޭލުންތެރި ކުރުވުން އެ ފަރާތެއްގެ މަގުސަދުގައި ހިމެނޭ އެންމެހާ ކުލަބު ޖަމްޢިއްޔާއަކަށް ވެސް ބައިވެރިވެވޭނެހެން ފުރުސަތު ވަނީ ހުލުވާލާފައެވެ.

މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހީންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި ގުރުއާން ހިތުދަސް ކުރުމަށް ބާރުއެޅުން ކަމަށް އެ މަރުކަޒުން ބުނެއެވެ.

މި ބޮޑު ގައުމީ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.