ހދ. ކުޅުދުއްފުށިން އިތުރު ދެ ބިދޭސީއަކު ފައިލޭރިއާއަށް ސްކްރީންކޮށްފިއެވެ.

އެ ރަށުން އެންމެ ފުރަތަމަ މި ބަލީގެ ކޭސްތައް ފާހަގަވީ ހެެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ.

އެ ކޭމްޕުގެ ތެރެއިން 16 ކޭސްއެއްވަނީ ވަނީ ފާހަގަވެފައެވެ.

އެއާއެކު އެ ކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން، ވާތީ، އެ ސިޓީގެ ބައެއް ދިވެހިން ބައްޔަށް ޓެސްޓުކޮށް، މުޅި ރާއްޖޭގައި ވެސް ބިދޭސީން ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ހެލްތު މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ހަމައެއާއެކު ކުޅުދުއްފުށީގައި ދިރިއުޅޭ ބަލި ޖެހުނު މީހުންގެ ކްލޯޒް ކޮންޓެކްޓުން ޓެސްޓުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

އެގޮތުން މިއަދު ބައްޔަށް ސްކްރީންކުރި ދެ މީހުންނަކީ، ފަހުން ޓެސްޓުކުރުމުގެ ތެރެެއިން ފާހަގަވި ދެ ކޭސްކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުންވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުޙައްމަދު މޫސާ "ސަން"އަށް ވިދާޅުވީ މި ވަގުތު އެ ރަށުގައި އަދި ޓެސްޓުކުރަމުން އަންނަނީ ހަމައެކަނި ބިދޭސީން ކަމަށެވެ. އަދި ރަށުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކަންބޮޑުވާންޖެހޭ މިންވަރަކަށް ނެތްކަމަށެވެ.

އެއާއެކު ބަލިޖެހިފައި ތިބި މީހުން މި ވަގުތު ފަރުވާ ދިނުމަށް އައިސޮލޭޓް ނުކުރާކަމަށް ވެސް މޫސާ ވިދާޅުވިއެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ.