ފަނަރަ ވަނަ އޭޝިއަން ޖޫނިޔާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމް އަންނަ މަހު ލަންކާ އަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ ނުވައަކުން 12 އަށް ލަންކާގައި ބާއްވާ މުބާރާތުގައި ރާއްޖެ އިން މިފަހަރު ބައިވެރިވެފައި ވަނީ ދެ އެތުލީޓުން ކަމަށެވެ. އެއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ރަނގަޅު އެތުލީޓް ކަމަށްވާ އާދިލް ރަޝީދާއި މިއަހަރުގެ ކުރީ ކޮޅު ފުވައްމުލަކުގައި ބޭއްވި މަކީޓާ ޖޫނިޔާ ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ ބެސްޓު އެތުލީޓުގެ މަގާމް ދިފާއު ކުރި އަޒުހަމް ވަހީދެވެ.

މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމް އަންނަ މަހުގެ ހަތް ވަނަ ދުވަހު ލަންކާ އަށް ފުރުމަށް ހަމަޖެހިފައިވާ އިރު ޓީމުގެ ހެޑް ކޯޗަކީ އަބްދުﷲ އިބްރާހިމެވެ.