މިއަދަކު އިއްޔެގެ ހާލަތެއް ނޫނެވެ. ޒަމާންވީ މައްސަލައެކެވެ. ސަރުކާރުގެ ބައެއް އިދާރާތަކުން ހިދުމަތް ދިނުމަށް އިސްކަމެއް ނުދެއެވެ. ބައެއް އޮފީސްތަކުގެ، ކައުންޓަރުތަކުގައި މުވައްޒަފުންނެއް ނުތިބެއެވެ. ފޯނެއް ނުނަގައެވެ. ފޯނު ނެގިޔަސް މައުލޫމާތު ސާފެއް ނުވެއެވެ. ހިދުމަތް ހޯދަން މުވައްޒަފަކު ހޯދަން ޖެހެނީ "އާދޭސް" ކޮށްގެންނެވެ. ގިނަ ފަހަރު ތިބެނީ ރުޅި މޫނުގައެވެ. ނޫނީ މުވައްޒަފުން ސަލާމް ބުނުމުގެ ސަބަބުން އެ ހިދުމަތެއް ނުލިބެއެވެ. މިއީ އާއްމު ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ. މިކަން އިސްލާހު ނުވަނީސް އަނެއްކާ ވެސް ބަންދު ދުވަސްތައް އިތުރު ކުރުން މިއީ ހަމަ ރަނގަޅު ގޮތްތޯއެވެ؟

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކެއް ކަމަށް އިއްޔެ ވަނީ ނިންމައިފައެވެ. އެހެންކަމުން މިހާރު ވެސް އިތުރުވެފައިވާ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ލިސްޓަށް ދުވަސްތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ބަންދު ދުވަސްތައް މިހާރު ވެސް މާ ގިނަ

ދިވެހި ސަރުކާރާއި ދައުލަތުގެ މުވައްޒަފުން މަސައްކަތް ކުރަނީ ފަސް ދުވަހު ކަމަށްވާއިރު އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން އެ ފަސް ދުވަހުގެ ތެރެއިން ވެސް ބަންދު ދުވަސްތައް އައުމަކީ އާއްމު ކަމެކެވެ. އަދި, ޢީދެއް އަތުވެއްޖެ ނަމަ ސަރުކާރު މުވައްޒަފުންނަށް އެއައީ ދެ ޢީދު އެކީއެވެ. އެތައް ދުވަހަކަށް ސަރުކާރު ބަންދު ކުރެއެވެ. މިހެންގޮސް އަހަރެއްގެ ތެރޭގައި ބަންދު އެތައް ދުވަހެއް އައުމަކީ ރާއްޖޭގައި ވަރަށް އާއްމުކަމެކެވެ.

ސޯޝަލް މީޑިއާ އެކްޓްވިސްޓް މިދުއަމް ސައުދު ޖަހާފައިވާ ހިސާބުން މި މަންޒަރު ސާފުވެއެވެ. އޭނާ ބުނާގޮތުގައި ދިވެހި ސަރުކާރު މުވައްޒަފުންނަށް މިހާރު ވެސް އަހަރެއްގެ މައްޗަށް ބަންދު ދުވަސްތަކުގެ ގޮތުގައި 192 ދުވަސް ނުވަތަ ހަ މަހާއި ބައި ލިބެއެވެ. އެހެންކަމުން އެ މުވައްޒަފުން އަހަރަކު މަސައްކަތް ކުރަނީ ފަސް މަހެއްހާ ދުވަހުއެވެ.

މިދުއަމްގެ އެ ހިސާބުގެ ތަފުސީލަކީ އަހަރަކު 365 ދުވަސް އޮންނައިރު ހަފުތާގެ ބަންދުގެ ގޮތުގައި 104 ދުވަސް ލިބެއެވެ. އަދި، އަހަރަކު ޗުއްޓީގެ ގޮތުގައި 30 ދުވަހާއި 30 ސަލާމް ބުނެވެއެވެ. ޗުއްޓީ ގުނާއިރު ބަންދު ދުވަސްތައް ނުގުނާތީ އަހަރީ ޗުއްޓީއަށް ޖުމުލަ 38 ދުވަސް ލިބެއެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ގާތްގަނޑަކަށް 20 ދުވަސް ލިބެއެވެ.

ސަރުކާރުގެ އޮފީސްތައް ހިންގާ ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން އަހަރުގެ ބޮޑު ބައެއް އެ މުވައްޒަފުން އެ ހޭދަ ކުރަނީ ހިދުމަތް ކުރުމުގެ ބަދަލުގައި ޗުއްޓީގައެވެ. އެހެންކަމުން ބަންދު ދުވަސްތައް އިތުރުވުމަކީ ސިވިލް ސާވިސްގެ ބައެއް މުވައްޒަފުންގެ ވެސް ކަންބޮޑުވުމެކެވެ.

ހިދުމަތް ނުލިބޭ ކަމުގެ އެތައް ޝަކުވާއެއް

އިއްޔެ ކެބިނެޓްގެ ނިންމުންތައް ރައީސް އޮފީހުން ހާމަކުރުމާ އެކު އެންމެ ގިނައިން މެސެޖްކޮށް ގުޅީ ވިޔަފާރިވެރިންނެވެ. އެ ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ މިހާރު ވެސް ހިދުމަތް ހޯދަން އެހާ ދަތިވެފައިވާއިރު އަނެއްކާވެސް ބަންދު ދުވަސްތަކެއް އައުމުން ކުރިމަތިވާނެ ގޮންޖެހުންތަކެވެ.

"މި ގޮތަށް އަނެއްކާވެސް ބަންދު ދުވަސް އިތުރު ކުރީމައި ދައުލަތުން ހިދުމަތް ލިބިގަންނަ މީހުންގެ ހައްގު ގެއްލޭ. މިހާރު ވެސް ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރަން އޮންނައިރު ވެސް އިދާރާތަކުން ހިދުމަތެއް ލިބެނީއެއް ނޫން ފަސޭހައަކުން،" ވިޔަފާރިވެރިއެއް ކަމަށްވާ، ހުސައިން ރަޝީދު ކަންބޮޑުވުންތައް ހިސާކުރިއެވެ.

ރާއްޖޭން މަސް އެކްސްޕޯޓް ކުރުމުގެ ވިޔަފާރީގައި އުޅޭ ވިޔަފާރިވެރިއަކު ވެސް ބުނިގޮތުގައި ނަގަން ޖެހޭ ހުއްދަތަކާއި އާ ކުރަން ޖެހޭ ލައިސެންސްތައް އާކުރަން މިހާރު ވެސް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. އެހެންކަމުން ބަންދު ދުވަސްތައް އިތުރު ކުރުމަކީ ވިޔަފާރިތަކަށާއި ދައުލަތުން ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާނެ ދައްޗެއް ކަމަށް އޭނާ ބުންޏެވެ.

"ބައެއް ހިދުމަތްތައް ދިނުން މި އޮންނަނީ ސަރުކާރުގެ ރަސްމީ ތިން ދުވަސް، ނޫނީ ދެ ދުވަސް. މިހެން އުސޫލު ލިޔެފައި. އެހެންވީމަ ސަރުކާރު ބަންދު ވާނަމަ އެ ދުވަސްތަކެއް ނުގުނާނެތާ. އަސްލު ވަރަށް ބޮޑު ދައްޗެއް ކުރިމަތި ވާނެ މިވީ ގޮތުން އަނެއްކާވެސް. މިހާރު ވެސް އެހާ އުނދަގޫ. ޕްލަސް ބޭންކްތައް ވެސް ބަންދު ވާނެތާ،" އެ ވިޔަފާރި ވެރިޔާ ވެސް ހިއްސާ ކުރީ ހުސް ކަންބޮޑުވުމެވެ.

މަސައްކަތް ނުކޮށް ގައުމު ކުރިއަރުވަނީ ކިހިނެއް؟

ދުނިޔޭގައި އެއްވެސް ކަމެއް މަސައްކަތަކާ ނުލައި ކާމިޔާބެއް ނުވާނެއެވެ. އެއީ އާއްމު މީހެއް ވިޔަސް އަދި ގައުމެއް ވިޔަސް އެކަން އޮންނަ އުސޫލެވެ. ކުރިއަރަން ބޭނުން ނަމަ ޖެހޭނީ ގަދައަޅައި މަސައްކަތް ކުރާށެވެ. އިގުތިސާދީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ކުރިއަރާފައިވާ ގައުމުތައް ކުރިއަރާފައި ވަނީ އެ މަގުންނެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެ ތަރައްގީގައި މި އުޅެނީ ވަރަށް ވެސް ފަހަތުގައެވެ. ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް އެންމެ އަސާސީ ހިދުމަތްތައް ރަނގަޅަށް ނުލިބެއެވެ. އޭގެ ތެރޭގައި އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމާއި އެކަށީގެންވާ އާމްދަނީއެއް ނުލިބުންފަދަ އެތައް މައްސަލައެއް ރާއްޖޭގައި އެބައޮތެވެ. އެންމެ ހަތަރު ލައްކައެއްހާ ކުޑަ އާބާދީއެއް އޮތް މި ގައުމުގެ ތަރައްގީގެ ދުވެލި ހަލުވި ކުރަން މި ވަނީ ޖެހިފައެވެ. ނަމަވެސް މިހާ ބަންދު ދުވަސްތައް ގިނަ ކޮށްގެން މި ކަން ކުރަނީ ކިހިނެއްތޯއެވެ.

ބަންދު ދުވަސްތައް އިތުރުވުމަކީ އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ އިގުތިސާދީ ދުވެލި މަޑުޖެހުމެވެ. ހަމައެއާއެކު އުފެއްދުންތެރިކަން ދަށްވުމެވެ. ގިނައިން ބަންދު ދުވަސްތައް އަންނަނަމަ މަސައްކަތުގެ މާހައުލުގެ އުފެއްދުންތެރިކަމަށް ވެސް ބުރޫ އަރާނެއެވެ.

ސަރުކާރު ބަންދު ދުވަސްތައް ގިނަ ގައުމުތަކަށް ދުނިޔޭގެ މައިދާނުގައި ވާދަވެރިކަމުގެ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. ގިނަ ފަހަރަށް ސަރުކާރާއެކު ސްކޫލުތައް ވެސް ބަންދުވެއެވެ. މާ ގިނައިން ޗުއްޓީ ހޭދަކުރުމުން ކިޔެވުމުގެ ޝެޑިއުލްތަކަށް ބުރޫ އަރާ، ތައުލީމު ދެމެހެއްޓުމަށް ބުރޫ އަރައެވެ. އޭގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.

ވިޔަފާރިވެރިންނާއި އާއްމުން ކަންބޮޑުވަނީ ސަބަބުތަކެއް އޮތީތީއެވެ. ރާއްޖޭގެ ސިވިލް ސާވިސްއިން އެކަށީގެންވާ ހިދުމަތް ހޯދަން އެހާމެ ދައްޗެވެ. ގައުމު ކުރިއަރާ ދުވެލި ކަމަކު ނުދެއެވެ. މި ހާލަތުގައި އޮއްވައި އަނެއްކާވެސް ބަންދު ދުވަސްތައް އިތުރުކުރުމަކީ ހަގީގީގަތު ވެސް ކަންބޮޑުވުމެކެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ މަސައްކަތު އަހުލާގު ރަނގަޅު ކުރުމަށާއި ރަނގަޅަށް މަސައްކަތް ކުރުމަށެވެ. ނޫނީ ގައުމު ކުރިއަރާކަށް ނެތެވެ.