ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ވަކީލަކު އެއް ޖިއްސުން ގުޅުން ހިންގާކަމުގެ ތުހުމަތު ކުރެވޭ ވީޑިއޯއަކާ ގުޅިގެން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެއްޅުއްވި އެ މައްސަލައަކީ، ދައުލަތުގެ ގާނޫނީ ވަކީލެއްގެ ފާހިޝް އަމަލުތައް ފެންނަފަދަ ވީޑިއޯއެއް އާއްމުވެފައިވާއިރު އެފަދަ އަމަލުތައް ދިވެހި މުޖުތަމައުތެރޭގައި އިތުރުވެ، ހުއްޓުވޭނެ ފިޔަވަޅެއް ނޭޅި އާދައިގެ ކަންކަންމަށް އެފަދަ ކަންކަން ބަދަލުވަމުންދާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލައިގައި އެ ވަކީލަކީ ދައުލަތުގެ އާންމުންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހުރި ގާނޫނީ ވަކީލެއްކަން ބާޔާންކޮށްފައިވެއެވެ. އަދި, އެފަދަ ހުތުރު ފާހިޝް އަމަލުތައް ކޮށްފައިވާއިރު އެއްވެސް ފިޔަވަޅެއް ނާޅާތީ އެކަމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޖިލީހުގެ 18 މެންބަރުންގެ އިއްތިފާގުން އެ ކުއްލި މައްސަލަ ވަނީ ބަލައިގެންފައެވެ. އެހެންވެ، އެ މައްސަލައިގެ ބަހުސްކޮށްފައެވެ.

މައްސަލައިގައި ވަކީލުގެ ނަން ބަޔާންކޮށްފައިނުވި ނަމަވެސް ތުހުމަތުތައް އަމާޒުވެފައިވަނީ ޕީޖީ އޮފީހުގެ މީޑިއާ ކަންކަން ވެސް ބަލަހައްޓަވާ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއުއަށެވެ. އެކަމަކު، އޭނާ އަންނަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން މެންބަރު ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ތެރޭ އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލަ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށެވެ. އަދި، ޕީޖީ އޮފީހުން އެފަދަ ކުށްތަކަށް އަރައިގެންފައިވާ މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ވަރަށް ލުއިކޮށްކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އޭރު ޝައްކުވި ކީއްވެގެންބާއޭ މި މީހުންނާ މެދު މިހާ ލުއި ގޮތްތަކަކަށް އެ އަމަލުކުރަނީ. އަދި ބޮޑު ހުކުމެއް ކަމަށް ބަލައި ދައުލަތުން އެ ހުކުމްތައް ކުޑަ ކުރި ސަބަބު މިއަދު އަޅުގަނޑުމެންނަށް މި ހާމަވެގެން ދަނީ،" މެންބަރު ނަޝީދު ވިދާޅުވިއެވެ.

މެންބަރު ނަޝީދު ވިދާޅުވީ އެ ދުވަހު އެ މީހުންނާ ދެކޮޅަށް ވަކާލާތު ކުރަން ހުންނެވި ވަކީލު ވެސް އެފަދަ އަމަލެއް ހިންގާނަމަ އޭނާ ވެސް ބޮޑު ހުކުމެއް އަންނަން ބޭނުންނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

އެ މައްސަލައަށް ބަހުސްކުރައްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މިއީ ވާހަކަދައްކަންޖެހިފައި އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ. ބޮޑެތި ޑުރަގު ޑީލަރުން ދޫވެގެން ގޮސްފައި ވަނީ ވެސް ސަރުކާރާއި ޕީޖީ އޮފީހުން އެ ކަންކަން މަގުފަހިކޮށްގެން ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި، ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްތަކުން އެފަދަ ފާހިޝް އަމަލުތައް ހިންގާ އެތައް ބައިވަރު ވީޑިއޯއެއް އެބަހުރިކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ، މިހާރު މި އޮތީ ޕީޖީ އޮފީހުގެ އެންމެ އިސް އެއް ގާނޫނީ ވަކީލުގެ މައްސަލައެއް ކަމަށެވެ.

"ކީއްވެގެންތޯ އަޅުގަނދުމެން އެ މަސައްކަތް ނުކުރަނީ، މިއީ އަޅުގަނޑުމެން ކުރަންވީ މަސައްކަތަކީ. މި ދައުލަތް، ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ އެއީ،" ބޮންޑޭ ވިދާޅުވިއެވެ.

އެއަށް ފަހުގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މި މައްސަލައަކީ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށެވެ. އެންމެން ބަލަބަލައި ތިއްބާ އެއް ދުވަހުން އަނެއް ދުވަހަށް ފާހިޝް ކަންކަންކުރުން ގައުމުގައި އިތުރުވަމުން އަންނަ ކަމަށް ސަނީފް ވެސް ވިދާޅުވިއެވެ. އަދި، މިއީ ބޮޑެތި ވިޔަފާރީގެ ގޮތުގައި ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މެންބަރު ސަނީފް ވަނީ މިފަދަ ކަމެއްގައި ލަސްނުކޮށް ފިޔަވަޅު އަޅައި ދިނުމަށް ސަރުކާރަށް ގޮވައިލާފައެވެ.

މި ކުއްލި މައްސަލައިގައި ތުހުމަތުކޮށްފައިވާ ގަނޫނީ ވަކީލަކީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރާ އިސް ގާނޫނީ ވަކީލެކެވެ. އެގޮތުން އެ ވަކީލު ވަނީ މަނީ ލޯންޑަރިންގެ މައްސަލައިގައި ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްސަލައިގައި ވެސް ދައުލަތާ އެއްކޮޅަށް ވަކާލާތު ކުރައްވައިފައެވެ.