18 Dec 2023, 10:04
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު އަނެއްކާ ވެސް ދަންމައިލަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވައިފިއެވެ.
ދައުރު ދަންމައިލަން ހުށަހަޅާފައިވަނީ، ވަޒީރުންނަށް ރުހުންދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި އޮތް މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފުރިހަމަނުވާ ކަމަށް ނިންމައި، މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލުމާ ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރު މިއަދަށް ހަމަވި ނަމަވެސް ކޮމިޓީއަށް އެ މައްސަލަ ފޮނުވުމުން، އެ މައްސަލައިގެ ވަކި ގޮތެއް ނިމެންދެން ދައުރު ދަންމައިލަން މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެ ކަމަށެވެ.
މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ނުނިމި ލަސްވުމުގެ ސަބަބުން އެންމެ ފުރަތަމަ ދައުރު ދަންމާލުމަށް ދުވަސް އިތުރު ކޮށްފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. އެއަށް ފަހު މި ދައުރު މިއަދުގެ ނިޔަލަށް އިތުރުކުރަން އަސްލަމް އަނެއްކާ ވެސް ހުށަހެޅުއްވިއެވެ. އެއަށް ފަހު މިއަދާ ހަމައަށް އައިއިރު ވެސް ކެބިނެޓުގެ ރުހުން ދިނުން ފަދަ މުހިންމު މަސައްކަތްތައް އަދިވެސް ހުރުމާ އެކު އަނެއްކާ ވެސް ދައުރު ދަންމާލަން ވަނީ ހުށަހަޅުއްވައިފައެވެ.
އެހެންވެ، އަސްލަމް ވިދާޅުވީ މިއަދުގެ ވޯޓުގެ ވަގުތުގައި ދައުރު ދަންމައިލުމާ މެދު ވޯޓަށް އަހާނެ ކަމަށެވެ.
މިއަދަށް އޮތީ ވަޒީރުުންނަށް ރުހުންދިނުމާ މެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އެޖެންޑާކޮށްފައެވެ. އެކަމަކު، އެ ރިޕޯޓުގައި މަޖިލީހުގައި ގަވާއިދުގެ 200 ވަނަ މާއްދާގެ ރ ގައި ބަޔާންކުރާ ކަންތައްތަކެއް ފުރިހަމަނުވާ ކަމަށް ނިންމައި، އަސްލަމް ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލަން ނިންމައިފައެވެ.
އެހެންވެ، ވަޒީރުންނަށް ރުހުންދޭން މިއަދަށް އެޖެންޑާކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.
މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރުގެ ބޮޑު ބައެއް ހޭދަވީ އެމްޑީޕީން ހުށަހެޅި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުންވުމުގައެވެ.
މަޖިލީހުގެ ގަވާއިދުގެ އެކިއެކި މާއްދާތައް ނަންގަވައިގެން މަޖިލީސް ހުއްޓުވާފައި އެތައް ދުވަހެއް ވަންދެން ބޭއްވިއެވެ. އެންމެ ފަހުން، އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ މަޖިލީސް ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށް ހުކުމް ކޮށްފައެވެ.
ކޯޓުގެ ހުކުމާ އެކު އަނެއްކާ ވެސް މަޖިލީސް ހިނގައިގަތުމުން ނަޝީދު ވަނީ އަމިއްލަފުޅަށް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.