ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދޭން މިއަދަށް ތާވަލުކުރި ނަމަވެސް އެ މައްސަލަ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފުރިހަމަނުވާތީ އެ މައްސަލައިގައި މިއަދު ވޯޓަށް އެހިދާނެކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

މިއަދު އޮތް މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާއަށް ވަނީ ވަޒީރުންނަށް ރުހުންދިނުން އެޖެންޑާކޮށްފައެވެ.

އެކަމަކު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެޖެންޑާ އިއުލާނުކުރެއްވުމާ އެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ވަޒީރުންނަށް ރުހުންދިނުމާ މެދު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ފުރިހަމަނުވާކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވި، އެހެންވެ މިއަދު ވަޒީރުންނަށް ރުހުންދިނުމާ މެދު ވޯޓަށް އެހިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ފުރިހަމަނުވާ ރިޕޯޓެއް ވީމާ އެއީ މިއަދު ވޯޓަށް އެހޭނެ ރިޕޯޓެއް ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭތީ،" ހިސާން ވިދާޅުވިއެވެ.

"ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތް އެއީ ރައީސުލްޖުމްހޫރިއްޔާ މި މަޖިލީހަށް ހުށަހަޅަން ޖެހޭނެ މަސައްކަތްތަކެއް. އަދި، މި ސަރުކާރުން މިހާރަނަށް މި މިނިސްޓްރީތައް ގާއިމުކޮށް 30 ދުވަސްވެފައިވާއިރު މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ފޮނުވާފައިނުވާތީ މެންޑޭޓު ދިރާސާނުކޮށް މިނިސްޓަރުންނަށް ރުހުންދެނީ އެ ބޭބޭފުޅުން ކޮން މަސްއޫލިއްޔަތެއް އަދާކުރުމުގެ ގާބިލުކަން ހުރެގެން ނުވަތަ ނެތިގެންކަން ރިޕޯޓުން ސާފުނުވާކަން،"

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން: އޭނާ ވަނީ ވަޒީރުންނަށް ރުހުން ދިނުމާ މެދު މިއަދު ވޯޓަށް ނޭހޭނެކަން ފާހަގަކުރައްވާފައި -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ސަރުކާރުން އާ ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަޖިލީހަށް ފޮނުވާފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ދިރާސާކުރުމުގެ ފުރުސަތު މަޖިލީހަށް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިސާން ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާ ބުނާ ގޮތުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވާ މައްސަލައަކާ މެދު ކޮންމެ ވެސް އެއްގޮތެއް ކޮމިޓީން ނިންމަން ޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް... އެޖެންޑާ ކުރެވިފައި މިއޮތް ރިޕޯޓުގައި އަޅުގަނޑު މި ދެންނެވި ދެ ގޮތެއް ކުރެ އެއްގޮތަކަށް ވެސް ނިންމައި ކޮމިޓީ ރިޕޯޓުގައި ބަޔާންކުރެވިފައިނުވާކަން،" އޭނާ ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ހިސާން ވިދާޅުވީ، މަޖިލީހުގައި ވޯޓަށް އެހޭނީ ކޮމިޓީން ވަކި ގޮތަކަށް ނިންމުމުން ކަމަށެވެ. އެހެންވެ، މިހާރު މަޖިލީހަށް ހުށަހެޅިފައި އޮތް ރިޕޯޓަށް ވޯޓަށް އަހައި، ވަޒީރުންނަށް ރުހުންނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސަތުގައި އިންނެވި އަސްލަމް ވަނީ އެ ނިޒާމީ ނުކުތާ ބަލައގެންފައެވެ. އެހެންވެ، އަސްލަމް ނިންމެވީ އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ އެކު މަޝްވަރާ ކުރެއްވުމަށެވެ. އެއަށް ފަހުގައި ގޮތެއް ކަނޑައަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިތުރު ތިން ވުޒާރާ އުފެއްދުމަށް ފަހު، ސަރުކާރުން ވަނީ ޖުމުލަ 22 ވުޒާރާ ހިމެނޭހެން ސަރުކާރު އެކުލަވައިލާފައެވެ. އަލަށް އުފެއްދި ވުޒާރާތަކުގެ ތެރޭގައި ހިމެނެނީ، ލޯކަލް ގަވަނަންސް މިނިސްޓްރީއާއި ކުރިން ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އައި އެނިމަލް ވެލްފެއާގެ ކަންކަމަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުމާއި ކުރިން ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އައި ކުޅިވަރުގެ ކަންކަމަށް ވެސް ހާއްސަކޮށް ސްޕޯޓްސް މިނިސްޓްރީއެއް އުފެއްދުމެވެ.

ސަރުކާރުގެ ވަޒީރުންގެ މަޖިލިސް

  • ދިފާޢީ ވުޒާރާ - މުހައްމަދު ޣައްސާން މައުމޫން

  • ޚާރިޖީ ވުޒާރާ - މޫސާ ޒަމީރު
  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ - އަލީ އިހުސާން
  • މާލީ ވުޒާރާ - ޑރ މުހައްމަދު ޝަފީގު
  • ތަޢުލީމީ ވުޒާރާ ޑރ. އިސްމާއިލް ޝަފީއު
  • ޞިއްޙީ ވުޒާރާ - ޑރ. އަބްދުﷲ ޚަލީލް
  • އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ - މުހައްމަދު ސައީދު
  • މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ - އަހުމަދު ޝިޔާމް
  • ބަންޑާރަ ނައިބުގެ އޮފީސް - އަހުމަދު އުޝާމް
  • އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ފަތުރުވެރިކަމާ ބެހޭ ވުޒާރާ - އިބްރާހިމް ފައިސަލް
  • އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ - ޑރ. އައިޝަތު ޝިހާމް
  • ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ - އަބްދުﷲ ރަފީއު
  • މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ - ތޯރިގް އިބްރާހިމް
  • ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ - ޑރ. އަލީ ހައިދަރު
  • ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ - މުހައްމަދު އަމީން (ކެޕްޓަން އަމީން)
  • ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ - އާދަމް ނަސީރު އިބްރާހިމް
  • މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ - ޑރ. މަރިޔަމް މާރިޔާ
  • އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ - ޑރ. އަބްދުﷲ މުއްތަލިބް
  • ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ - ޑރ. އައިޝަތު ރަމީލާ
  • ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ - އިބްރާހިމް ވަހީދު (އަސްވާޑު)
  • ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ - އާދަމް ޝަރީފް އުމަރު