"ޗެނަލް 9"ގެ ނަމުގައި ޓީވީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފި އެވެ.

މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރި "ޗެނަލް 9"ގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ހިމެނެނީ ދުވަހު ނޫސް "ހަވީރު"ގެ ޖެނަރަލް މެނޭޖަރު އަބްދުލް ރަޝީދު ހުސައިން އާއި "ހަވީރު"ގެ ކުރީގެ އެޑިޓަރު އަދި މިހާރު އެ ނޫހުގެ އޮންލައިންގެ އެޑިޓަރު ޑރ. އަލީ ރަފީގެވެ.

މިދިޔަ އަންގާރަ ދުވަހު ލައިސަންސް ދޫކުރި "ޗެނަލް 9" މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނަގާފައި ވަނީ ސެޓެލައިޓް މެދުވެރިކޮށް، ކޭބަލްޓީވީ މެދުވެރިކޮށެވެ.

"ހަވީރު"ގެ ޖެނަރަލް މެނޭޖަރު އަބްދުލް ރަޝީދު ހުސައިން މިއަދު ވިދާޅުވީ ޓީވީ ޗެނަލްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ. އަދި ވިދާޅުވީ "ޗެނަލް 9" އަކީ ހަވީރުގެ މެނޭޖުމަންޓުން ސީދާ ހިންގާނެ ޗެނަލެއް ނޫން ކަމަށެވެ.

"ޗެނަލް 9"އަކީ ބްރޯޑްކާސްޓިން އާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރި ނުވަ ވަނަ ޓީވީ ސްޓޭޝަނެވެ. ބްރޯޑްކާސްޓު ކުރުމުގެ ލައިސަންސަށް އެދުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރު، 32 ފަރާތަކުން ބްރޯޑްކާސްޓިންގެ ލައިސަންސަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް 18 ޓީވީ ޗެނަލަކާއި ދެ ރޭޑިއޯ ޗެނަލެއް ބްރޯޑްކާސްޓު ކުރުމަށް އެދިފައިވެ އެވެ.

ބްރޯޑްކާސްޓިން ލައިސަންސަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލައިސަންސް ދޫކޮށްފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީގެ) ޓީވީއެމް އަށާއި ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ދިވެހި އެފްއެމް ނުވަތަ ކުރީގެ ރާއްޖެ އެފްއެމް އަށެވެ. އަދި ރާއްޖެ ޓީވީ އަށާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަރިސް ބޭފުޅުންކޮޅެއް އުފައްދަވާ "ޓީވީ 5" އަށާއި އިސްލާއިމް ފައުންޑެޝަނުން އުފައްދާ އެމްވީޓީވީ އަށާއި ދިއެފްއެމް އަށާއި ރޭޑިއޯ އެޓޯލް އަށް ވެސް ވަނީ ބްރޯޑްކާސްޓު ކުރުމުގެ ލައިސަންސު ދީފަ އެވެ.