18 Dec 2023, 06:29
ބަތަލާ ސާރާ ޢަލީ ޚާންއާއި ކުރީގެ ފިލްމީ ތަރި ކަރިޝްމާ ކަޕޫރު ފުރަތަމަ ފަހަރަށް އެކީގައި ފެންނަ ފިލްމު "މާޑާ މުބާރަކް" ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމައިފިއެވެ.
ސާރާ އާއި ކަރިޝްމާ ކަޕޫރު ލީޑު ރޯލުން ފެންނާނެ މި ފިލްމަކީ މި އަހަރު މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދިން ދިނޭޝް ވީޖަންގެ މެޑޮކްސް ފިލްމްސްގެ އުފެއްދުމެކެވެ.
މި އަހަރު ރިލީޒްވި ސާރާގެ ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ"އަކީ ވެސް ދިނޭޝް ވީޖަންގެ އުފެއްދުމެކެވެ. ހަމަ އެއާއެކު ނެޓްފްލިކްސްއިން ގިނަ ބަޔަކު ބެލިކަމުގެ ރިކޯޑް ހޯދި ފިލްމު "ޗޯރް ނިކަލް ކޭ ބާގާ"އަކީ ވެސް ދިނޭޝްގެ މެޑޮކްސް ފިލްމްސްގެ އުފެއްދުމެކެވެ. މީގެ ކުރިން "މާޑާ މުބާރަކް" ސިނަމާތަކުގައި ރިލީޒްކުރަން ނިންމި ނަމަވެސް ދާދި ފަހުން އެ ކުންފުނިން ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ދޫކޮށްލަން ނިންމި ފިލްމުތަކުގެ ނަންތައް އާއްމުކޮށްފައެވެ. އޭގެ ތެރޭގައި "މާޑާ މުބާރަކް"ގެ ވާހަކަ ކޮންމެ ވެސް ވަރަކަށް ދެކެވިފައި އޮތް ނަމަވެސް އެކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

"މާޑާ މުބާރަކް"ގެ ބައެއް ތަރިން
މި ފިލްމަކީ ވަރަށް ބޮޑު ކާސްޓެއް ހިމެނޭ ހޮރޯ ކޮމެޑީ ތުރިލާ އެކެވެ. ކަރިޝްމާ ކަޕޫރު 11 އަހަރަށް ފަހު ސިނަމާއިން ފެންނާނެ މި ފިލްމުން ބަތަލާގެ ކޮއްކޮ ކަރީނާގެ ޅިޔަނު ކުނާލް ކޭމޫ ވެސް ވަރަށް މުހިއްމު ރޯލަކުން ފެންނާނެއެވެ. ބަތަލާ ސާރާގެ އިތުރުން ޑިމްޕަލް ކަޕާޑިއާ، ވިޖޭ ވަރުމާ އަދި ސަންޖޭ ކަޕޫރު މި ފިލްމުން ފެންނާނެއެވެ.
ކަރިޝްމާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2012ވަނަ އަހަރު ރިލީޒްވި ފިލްމު "ޑޭންޖަރަސް އިޝްޤް" އިންނެވެ. ފިލްމު "މާޑާ މުބާރަކް" ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމި ނަމަވެސް ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.