18 Dec 2023, 06:39
މި މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް އަންނަ ފިލްމު "ސަލާރު: ޕާޓް1-ސީޒްފަޔަ"ގައި ބެލުންތެރިން މަޝްހޫރު އިނގިރޭސި ވެބް ސީރީސް "ދަ ގޭމް އޮފް ތްރޯންސް"ގެ ދުނިޔެއަށް ގެންގޮސްދޭނެ ކަމަށް އެކްޓަރު ޕްރިތްވީ ރާޖް ބުނެފިއެވެ.
މި ފިލްމަކީ ބޮކްސް އޮފީހުގެ ރިކޯޑުތައް މުގުރާލި "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ އުފެއްދުމެކެވެ.
ފިލްމު "ސަލާރު"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ބެލުންތެރިން ވަނީ ފިލްމު "ކޭޖީއެފް"އާއި މި ފިލްމާ އަޅާކިޔަން ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ. ފިލްމު "ބާހޫބަލީ"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ރެބެލް ތަރި ޕްރަބާސް ލީޑް ރޯލު ކުޅޭ މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ސައުތު އެކްޓަރު ޕްރިތްވީ ރާޖް ފެންނާނެއެވެ.
ޕްރިތްވީ ރާޖް ބުނި ގޮތުގައި "ސަލާރު"ގެ ސެޓަށް ވަދެވުނު ފުރަތަމަ ދުވަހު ވެސް އިހުސާސް ކުރެވުނީ މަގުބޫލު ސީރީސް "ގޭމްސް އޮފް ތްރޯންސް"ގެ ސެޓެއްގައި އުޅެވޭ ކަމުގެ އިހުސާސެވެ. ޕްރިތްވީ ރާޖް އެކޭ އެއްގޮތަށް ފިލްމު ސިނަމާގައި ބަލަމުން ދާއިރު ބެލުންތެރިންނަށް ވެސް އެ އިހުސާސް ކުރެވޭނެ ކަމާމެދު ޝައްކެއްނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހާ ވެސް "ސަލާރު"ގެ ސެޓުގެ ހައިބަތު ބޮޑު ކަމަށާއި ފިލްމުގައި ހިމެނޭ އެކްޝަން މަންޒަރުތައް ވަރުގަދަވާނެ ކަމަށް ޕްރިތްވީ ރާޖް ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ އެކްޓަރުން ކަމަށްވާ ޕްރަބާސް އަދި ޕްރިތްވީ ރާޖް
ބަތަލާ ޝްރޫތީ ހަސަން މުހިއްމު ރޯލަކުން ފެންނާނެ "ސަލާރު"އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޑުންކީ"އާ އެއް ދުވަހެއްގައި ރިލީޒްކުރުމެވެ.
މީގެ ކުރިން ވެސް ޕްރަޝާންތު ނީލްގެ ފިލްމަކާ ޝާހްރުކް ޚާންގެ ފިލްމެއް ބޮޑު ކުރިމަތިލުމަކަށް ގޮސްފައިވެއެވެ. އެއީ، 2018ވަނަ އަހަރު ރިލީޒްވި ޝާހުގެ ފިލްމު "ޒީރޯ" އަދި ޕްރަޝާންތުގެ "ކޭޖީއެފް"އެވެ. ފިލްމު "ޑުންކީ"އަކީ ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ފިލްމެއް ކަމުން ޑިސެމްބަރު މަހުގެ 22 އަކީ ދެ ތަރިންގެ ސަޕޯޓަރުން ވެސް ނޭވާ ހިފަހައްޓާލައިގެން ތިބޭނެ ދުވަހަކަށްވުމީ އެކަށީގެންވާ ކަމެކެވެ.