އެކްޓަރު ވަރުން ދަވަން މަސައްކަތް ފަށާފައިވާ ޑައިރެކްޓަރު އެޓުލީގެ ފިލްމުގެ ޝޫޓިން ތެރެއިން ވަރުންގެ ފަޔަށް ގެއްލުންވެ، ފިލްމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

ވަގުތީގޮތުން "ވީޑީ18"ގެ ނަމުން ނަންދެވިފައިވާ މި ފިލްމުގެ ޝޫޓިން ތެރޭ ބޮޑު ދަގަނޑު ބުރިއެއް ކަނާތު ފައި މައްޗަށް ވެއްޓުމުގެ ސަބަބުން ފައި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި ފިލްމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރަށް ޖެހިފައިވާކަން ވަރުން ވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މިއީ ފިލްމު "ވީޑީ18"ގެ މަސައްކަތުގައި އުޅެނިކޮށް ވަރުންއަށް އަނިޔާވި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މި ފިލްމުގެ ޝޫޓިން ތެރޭ އުޅެނިކޮށް އެކްޓަރަށް އަނިޔާވިކަން އިންސްޓަގްރާމް މެދުވެރިކޮށް ވަރުން ވަނީ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

ވަރުން ބުނި ގޮތުގައި އެކްޝަން ފިލްމުތަކުގައި މަސައްކަތް ކުރާނަމަ މިފަދަ ހާދިސާތަކަށް ކޮންމެ އެކްޓަރަކު ވެސް ތައްޔާރަށް ހުންނަންވާނެއެވެ. އެކްޝަން މަންޒަރުތަކުގައި އަބަދު ވެސް މަސައްކަތް ކުރަނީ އެންމެ ފުރިހަމައަށް އެ މަންޒަރެއް ނިންމައިލެވޭތޯ ކަމަށާއި ބައެއް ފަހަރު ކުދިކުދި އަނިޔާތައް ވެސް ޝޫޓިން ތެރޭ ލިބޭކަމަށެވެ. ނަމަވެސް ފަހުން އެ މަންޒަރެއް ފުރިހަމަކަމާ އެކު ނިންމައިލެވުމުން ކުރިން ތަހައްމަލުކުރި ވޭންތައް މަތިން ހަނދާނެއް ވެސް ނުހުންނަ ކަމަށާއި އެއީ ވަރަށް ތަފާތު އިހުސާސެއް ކަމަށް ބޮލީވުޑްގެ އެންމެ އުއްމީދީ ތަރިންގެ ތެރޭ ހިމެނޭ އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ވީޑީ18"ގެ ޑައިރެކްޓަރު އެޓުލީ އަދި އެކްޓަރު ވަރުން ދަވަން

އެކްޝަން މަންޒަރުތަކާ އެއްވަރަށް ހެއްވާ މަޖާ މަންޒަރުތައް ވެސް ހިމެނޭ ފިލްމު "ވީޑީ18"އިން ވަރުންއާ އެކު ފެންނާނީ ސައުތު ބަތަލާ ކީރްތީ ސުރޭޝް އަދި އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ބަތަލާ ވަމީކާ ގައްބީއެވެ.

ވަރުން އެންމެ ފަހުން ފެނިފައިވަނީ ނިތޭޝް ތިވާރީގެ ފިލްމު "ބަވާލް"އިންނެވެ. ފިލްމު "ވީޑީ18"ގެ އިތުރުން ވަރުން އަންނަނީ ޑައިރެކްޓަރު ރާޖާއި ޑީކޭގެ "ސިޓަޑެލް އިންޑިއާ"ގައި ވެސް މަސައްކަތް ކުރަމުންނެވެ.