18 Dec 2023, 21:10
ބެއިޖިން (ޑިސެމްބްރަ 17)- ޗައިނާ ސަރުކާރުގެ އެޖެންސީތަކާއި ބޭންކުތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެޕަލް އައިފޯނާއި ބޭރުގެ ޓެކްނޮލޮޖީގެ އެހެނިހެން ޑިވައިސްތައް މަސައްކަތުގެ މާހައުލުގައި ބޭނުން ކުރުމާ ދެކޮޅަށް ޗައިނާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ބްލޫމްބާގްގެ ރިޕޯޓެއްގައި ބުނެފިއެވެ.
އައިފޯން މަނާކުރުމުގެ އަމުރު އިތުރަށް ފުޅާކުރުމާ ބެހޭ ގޮތުން މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ އަށް ޕްރޮވިންސެއްގެ އެޖެންސީތަކުން މުވައްޒަފުންނަށް އަންގާފައި ވަނީ ހަމައެކަނި އެގައުމުގެ ބްރޭންޑުތަކުން އުފައްދާ މޯބައިލް ފޯނުތައް ބޭނުން ކުރުމަށެވެ. މި އަމުރަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގައުމީ ފެންވަރުގައި ދައުލަތުގެ ބައެއް ވުޒާރާތަކުން ވެސް އައިފޯނަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ އަމުރެކެވެ.
ބޭންކުތަކާއި ސްކޫލްތަކުން ފެށިގެން މުނިސިޕަލް ޓްރާންސްޕޯޓް އަދި ޓުއަރިޒަމް އޮތޯރިޓީން ވެސް މިހާރު ޕްރޮވިންސް އޮފިޝަލުން ގެންދަވަނީ އެޕަލް ހިމެނޭ ގޮތަށް ބޭރުގެ މޮބައިލް ޑިވައިސްތައް މަނާކުރަމުންނެވެ.
އެނަލިސްޓުން ދެކޭ ގޮތުގައި މިއީ އިމްޕޯޓް ކުރާ ޓެކްނޮލޮޖީތަކަށް ބަރޯސާވުން ކުޑަކޮށް، އެގައުމުގެ ސެމިކޮންޑަކްޓަރާއި ސޮފްޓްވެއާގެ ގާބިލްކަން ހަރުދަނާ ކުރުމަށް ޗައިނާއިން ކުރިއަށް ގެންދާ ފުޅާ ކެމްޕޭނާ ގުޅިފައިވާ ފިޔަވަޅެކެވެ.
މި އެންގުންތަކުގެ ސަބަބުން މިދިޔަ ކުއާޓަރުގައި ޗައިނާގައި އައިފޯން ވިއްކާ މިންވަރު ގާތްގަނޑަކަށް 20 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ޗައިނާ އާއި އެޕަލްގެ ގުޅުން އަނެއްކާވެސް ހީނަރުވާނެއެވެ.
އޮބްޒާވަރުން ބުނަނީ ޗައިނާގެ މި ފިޔަވަޅުތަކުގެ ސަބަބުން ވާވޭ ފަދަ ޗައިނާގެ މޮބައިލް ވާދަވެރިންނަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. ނަމަވެސް އައިފޯން މަނާކުރުމުން އާންމުންގެ ނުރުހުން ވެސް އެބައޮތެވެ.