"ސައުންޑްސް އޮފް މޯލްޑިވްސް"ގެ މިއުޒިކް ޝޯ އެއް ސްރީލަންކާގެ މައުންޓްލެވެނިއާ ހޮޓެލްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިޝޯ އިންތިޒާމްކުރާ ހައިރައިޒްގެ ޑިރެކްޓާ އިސްމާއިލް ހަމީދު (އިއްސެ) މިއަދު ވިދާޅުވީ ސައުންޑްސް އޮފް މޯލްޑިވްސް ގެ ނަމުގައި ހައިރައިޒްއިން ބާއްވަމުން އަންނަ މިއުޒިކް ޝޯ މައުންޓް ލެވެނިޔާ ހޮޓެލްގައި ބޭއްވުމުގެ ބޭނުމަކީ ދިވެހި ފަންނާނުން ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ ޑެސްޓިނޭޝަން ޕްރޮމޯޓްކުރުން ކަމަށެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވާ މިޝޯ ގައި ރާއްޖޭގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިންގެ އިތުރުން ބައެއް ބޮޑު ބެރު ގްރޫޕްތަކުގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.

އިއްސޭ ވިދާޅުވި ގޮތުގައި މިޝޯ ކުރިއަށްދާނީ މޯލްޑިވިއަން ނައިޓެއްގެ ގޮތުގަ އެވެ. އެރޭގެ ޑިނާއަށް އެ ރިސޯޓުން ތައްޔާރުކުރާނީ ދިވެހި ކެއުންތަކެވެ.

"މައުންޓް ލެވެނިޔާ ހޮޓެލްގެ މެނޭޖުމަންޓުން މި އިވެންޓް ހަމަޖައްސައިދެނީ. އެމީހުން އެރޭގެ ޝޯއާއެކު އެރޭގެ ޑިނާ ވެސް ދިވެހި ސްޓައިލަށް ތައްޔާރުކުރާނެ،" އިއްސޭ ވިދާޅުވި އެވެ.

ހައިރައިޒްގެ މިޝޯގެ ޓިކެޓް މާލޭގެ ބައެއް ފިހާރަތައް ކަމަށްވާ ޓައިމް ޒޯނާއި ރޭންޕާއި ބޭވޮޗް އަދި މޯލްޑިވްސް ބްލިސް އިން ވިއްކާނެ އެވެ. އަދި ލަންކާގައި ހުންނަ ހޮޅުއަށި ކެފޭ އާއި މައުންޓް ލެވެނިއާ ހޮޓަލުން ވެސް ލިބޭނެ ކަމަށް ހައިރައިޒުން ބުންޏެވެ. މީގެ އިތުރުން ޝޯ ބެލުމަށް ސްރީލަންކާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ކެޕިޓަލް ޓްރެވަލް އެންޖެންސީން ވަނީ ހަމަޖައްސާފަ އެވެ.

ސައުންޑް އޮފް މޯލްޑިވްސްގެ ދެ ޝޯ މީގެކުރިން މާލެގަ އާއި ކުޑަބަނޑޮހުގައި ބާއްވާފައިވާއިރު ވަރަށް ބޮޑު ތަރުހީބެއް އެ ޝޯތަކަށް ލިބުނެވެ.