17 Dec 2023, 18:38
ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ މެނިފެސްޓޯ ބުރާސްފަތި ދުވަހު ލޯންޗުކުރައްވާނެކަމަށް އިއުލާންކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމްގެ ސްޕޯކްސްޕާސަން އަލީ ޚާލިދު ވިދާޅުވީ، ކެމްޕެއިން ހަރަކާތްތައް މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން، ރައްޔިތުންގެ ކައިރިއަށް ގޮސް ހާލަތު އޮޅުންފިލުވައި، މާލެއަށް ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ އޮޅުން ފިލުވުމުގެ މަސައްކަތުގައި އާޒިމް އުޅުއްވާކަމަށް ޚާލިދު ވިދާޅުވިއެވެ.
ޚާލިދު ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ފަރާތްތަކަށް ޚާއްސަކޮށް ޕީއެސްއެމުން ބާއްވާ ބަހުސްގެ ދައުވަތު ވެސް އާޒިމް ގަބޫލުކުރައްވައިފައިވާ ކަމަށެވެ. އަދި އިންސާފުވެރި ބަހުސެއް ބާއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޚާލިދު ވިދާޅުވިއެވެ.
ހަމައެއާއެކު މި ހަފުތާ ބުރާސްފަތި ދުވަހު ލޯންޗުކުރާ މެނިފެސްޓޯގައި މާލެ ފެހިކުރުމަށާއި މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ގޮތްތައް ހިމެނޭނެ ކަމަށް ޚާލިދު ވިދާޅުވިއެވެ.
މެނިފެސްޓޯ ލޯންޗު ކުރާނެ ވަގުތު ފަހުން ހާމަކުރާނެ ކަމަށް ވިދާޅުވިއެވެ.
އާޒިމަށް މޭޔަރުކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ލިބިފައި ވަނީ މި މަހުގެ ދެވަނަ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅީ މި މަހުގެ 12ވަނަ ދުވަހުއެވެ.