17 Dec 2023, 17:59
ރާއްޖޭގައި އިންތިހާއަށް އުފުލިފައިވާ ފިޔާގެ އަގު ކޮންޓްރޯލްކޮށް، ހެޔޮ އަގުގައި ވިއްކުމަށް ޓަކައި އެސްޓީއޯއިން ބަލްކުކޮށް ފިޔާ އެތެރެކޮށް، ހޯލްސޭލަރުންނަށް ވިއްކާއިރު އަގު ކޮންޓްރޯލްކުރުމަށް ޝަރުތުކުރުމަށްފަހު ވިއްކަން ނިންމައިފިއެވެ.
މި ފަހުން އަވައްޓެރި އިންޑިއާއިން ވެސް ފިޔާ އެކްސްޕޯޓު ހުއްޓައިލުމާއެކު ރާއްޖޭގެ ބާޒާރުގައި ވެސް ފިޔާގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އޭގެ މައިގަނޑު ސަބަބަކަށްވީ ރާއްޖޭގެ ބާޒާރުގައި ފިޔާގެ ސްޓޮކް ހުސްވާން ކައިރިވުމާއި، ފިޔާ ލިބުމުގައިި ވިޔަފާރިވެރިންނަށް ދަތިވުމެވެ.
އެހެންވެ، ކުރިން 350 އަށް ލިބެންހުރި ފިޔާ ބަސްތާ، މިހާރު ލިބެނީ 800 ރުފިޔާއާ 900އާ ދެމެދުގެ އަގެއްގައެވެ.
އެއާއެކު ފިޔާގެ އަގު ކޮންޓްރޯލުކުރުމަށް އެސްޓީއޯއިން މަސައްކަތް ފަށައި، ފިޔާ ޝިޕްމަންޓުތައް އެތެރެކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން މިހާރު 4،500 ފިޔާ ބަސްތާ، ފުރަތަމަ ޝިޕްމަންޓުގެ ގޮތުގައި ރާއްޖެ ގެނެވިފައިވާކަމަށް އެސްޓީއޯއިންވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ މި ފިޔާ ވިޔަފާރިވެރިންނަށް ވިއްކާނީީ، ކިލޯއަކަށް 20 ރުފިޔާއަށްވުރެ އަގުބޮޑުނޫންކޮށް ވިއްކުމަށް ޝަރުތުކުރުމަށް ފަހުކަމަށެވެ.
"މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްތޭބަލައިޒް ކުރުންކަމުގައިވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލް ވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެއެވެ،" އެސްޓީއޯގެ ބަޔާނުގައިވެއެވެ.
ފިޔާއަކީ، އަލުވި، ބިސް ފަދައިން ކެއްކުމުގައި ބޭނުންކުރުމުގައި ޒަރޫރީ ބާވަތެކެވެ. މި ބާވަތްތަކަކީ ރޯދަ މަހު ބޭނުންކުރާ މިންވަރު އިތުރުވާ ބާވަތްތަކެކެވެ. އެހެންވެ ކުރިއަށް އޮތީ ރޯދަ މަސްކަމަށްވުމާއެކު ވިޔަފާރިތަކުން މިހާރު ވެސް އަންނަނީ އެ ކަމަށް ތައްޔާރުވުމުގެ މަސައްކަތް ފަށަމުންނެވެ.