ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއާލައިން 'މޯލްޑިވިއަން'އިން ސީދާ ދަތުރުތައް ފަށަން 'ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން' ތައާރަފުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ގައުމުތަކެއް ނޫނެވެ.

އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިން' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި، ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންނެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން'އިން ސީދާ ދަތުރުތައް ފަށާނެއެވެ.

މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖައްސައިފައެވެ.

އަދި، މި މަޝްރޫއު ފެށުމާއެކު މަދުވެގެން ހަފުތާއަކު ދޭއް ނުވަތަ ތިން ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ވަނީ ނިންމަވައިފައެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، ގައުމީ އެއާލައިނަށް 'ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން' ތައާރަފުކުރުމުގެ މަސައްކަތަކީ ވެރިކަމުގެ ފުރަތަމަ 14 ހަފުުތާގެ މަގުޗާޓުގައި ވެސް ހިމެނޭ މުހިންމު ކަމެކެވެ.

ކުރިން ރާއްޖެއިން އެއާ މޯލްޑިވްސްގެ ނަމުގައި އެއާލައިން ހިންގީއިރު ފަތުރުވެރިން ގެނެވޭނެ މަންޒިލުތަކަށް ސީދާ ދަތުރުތައް ކުރިއެވެ. އެކަމަކު، ފަހުން އެ ކުންފުނި ބަގުރޫޓުވެގެން ހުއްޓައިލަން ޖެހުނީއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,757,937 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ރަޝިއާއިންނެވެ. އެއީ، 197،824 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމަކީ އަވަށްޓެރި އިންޑިޔާއެވެ. އެއީ، 194،630 ފަތުރުވެރިންނެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކަށް ބަލާއިރު:

  • ޗައިނާ: 181,003 ފަތުރުވެރިން

  • އިނގިރޭސިވިލާތް: 144,415 ފަތުރުވެރިން
  • ޖަރުމަނު: 127,896 ފަތުރުވެރިން
  • އިޓަލީ: 104,411 ފަތުރުވެރިން
  • އެމެރިކާ: 69,426 ފަތުރުވެރިން
  • ފްރާންސް: 45,849 ފަތުރުވެރިން
  • ސްޕެއިން: 38,645 ފަތުރުވެރިން
  • ސްވިޒަލެންޑް: 34,890 ފަތުރުވެރިން

މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައީ އިންޑިޔާއިންނެވެ. އެއީ، 241،369 ފަތުރުވެރިންނެވެ. ލިސްޓްގެ ދެވަނައިގައި އޮތް ގައުމަކީ މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާތްކުރި ގައުމު ކަމަށްވާ ރަޝިއާއެވެ. އެއީ، 201,957 ފަތުރުވެރިންނެވެ.