24 May 2012, 12:20
ކޮމަންވެލްތްގެ އެންމެ އިސްވެރިޔާ، އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ރަނިކަމުގެ އަލިމަސް ޔޫބީލު ފާހަގަ ކުރަން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުނަށް ދައުވަތު އަރުވައިފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވަހީދަށް ދައުވަތު އަރުވާފައިވަނީ ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ ކަމަށާއި ރައީސް އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
"ރައީސް ވަހީދު ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައި، ރާނީގެ އުފަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ވަހީދުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނަވާނެ،" އެ އޮފިޝަލަކު ވިދާޅުވި އެވެ.
ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ރައީސް ވަހީދަށް ފޮނުއްވި ސިޓީފުޅެއްގައި އިނގިރޭސި ރާނީގެ ޑައިމަންޑް ޖުބްލީ ކޮމަންވެލްތް ގައުމުތަކުން ފާހަގަކުރުމުގެ ގޮތުން ކޮޮމަންވެލްތްގެ ހުރިހާ ގައުމުތަކެއްގެ އެންމެ އިސްވެރިން ލަންޑަންގައި ބައްދަލުކުރެއްވުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
މިބައްދަލުވުމުގައި އޮންނަ ފަރިއްކޮޅުގައި އިނގިރޭސި ރާނީ އާއި ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިނގިރޭސިން ބަލާ ގޮތުގައި އެގައުމުގެ ރަސްކަމުގެ ނުވަތަ ރަނިކަމުގެ ޑައިމަންޑް ޖުބްލީ (އަލިމަސްޔޫބީލް) ފާހަގަކުރަނީ ރަސްކަމަށް ނުވަތަ ރަނިކަމަށް 60 އަހަރު ފުރުމުންނެވެ. އިނގިރޭސި ރާނީގެ އުމުރުން ފުޅަކީ 86 އަހަރެވެ. އެކަމަނާ ރަނިކަމާ ހަވާލުވެވަޑައިގަތީ އުމުރުފުޅުން 16 އަހަރުގަ އެވެ.