ވެރިރަށް މާލެއަށް ކަރަންޓުގެ ޚިދުމަތްދޭ ސްޓެލްކޯގެ ސަރަހައްދުގެ ތެރޭ މިހާރު އޮތް ދޮންއަދަރާދަ ހިނގުން، ރޯދައިގެ ކުރިން ހުޅުވުމަށް، މަގު ހުސްކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، އެ މަސައްކަތް ފެށީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އެ ކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުޔެއް ހޯދައިދިނުމަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެ މަގު ބޭނުންކުރަން ބަންދުކުރަން ޖެހުނީ މާލޭގެ ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ފުޅައިކުރުމަށް އިތުރު ކެޕޭސިޓީ ގާއިމްކުރުމަށް ހިންގަން ކުރިން ރޭވި ފޯޓް ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވުމުން ކަމަށެވެ.

އެހެންވެ ކުންފުނީގެ ބިމާ އިންވެގެން އޮތް ދޮންއަދަރާދަ މަގު ބަންދުކޮށް، އެ މަގަށްވާ ގޮތަށް އިންޖީނު ގެއެއް އެޅީ 2010ވަނަ އަހަރެވެ.

ދޮން އަދަރާދަމަގު ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.

ހުޅުމާލެއިން ކަރަންޓު އިމްޕޯޓް ކުރަން ފެށުމާއެކު، މާލޭގެ ދޮންއަދަރާދަ މަގަށްވާ ގޮތަށް އަޅައިފައިވާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުންކުރުން ވަނީ ހުއްޓާލައިފައެވެ.

އަމީނީ މަގަކީ ޓްރެފިކް ބާރުބޮޑު މަގެކެވެ. ޚާއްސަކޮށް އޮފީސް ވަގުތާއި ސްކޫލު ކިޔެވުން ފެށޭ ވަގުތާއި ނިމޭ ވަގުތުގައި އެ މަގު ވަރަށް ބޮޑަށް ތޮއްޖެހެއެވެ.