މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަންގެ ނަމުގައި 100 އިންސައްތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއް އުފެއްދަން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމި މުހިއްމު ނިންމުތަކުގެ ތަފުސީލުތައް ހާމަކުރަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކަނޑުގެ އުފެއްދުންތަކަށް ހާއްސަ ޕްރިމިއަމް ބްރޭންޑެއް އުފައްދައި، އެ ކަމަށް ހާއްސަ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ އަންނަ އަހަރުގެ ބަޖެޓުން 37 މިލިއަން ރުފިޔާ އެ ކަމަށް ހާއްސަކުރަން ނިންމައިފައެވެ.

"ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭގޮތަށް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަކޮށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، އެ ތަކެތި ޕްރިމީއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ގައުމީ އަދި ބައިނަލްއަގުވާމީ މާކެޓަށް ނެރެ، އާ މާކެޓުތައް ހޯދަން މަސައްކަތް ކުރާނެ ވަކި އިދާރާއެއްގެ ގޮތުގައި،" ޝަހީބު ވިދާޅުވިއެވެ.

އަދި، މީގެ ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށް ވެސް ރައީސް ވަނީ ނިންމެވިއެވެ.

މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

މީގެ ކުރިން މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގައި މާކެޓް ކުރުމަކީ މިހާތަނަށް މާބޮޑު ސަމާލުކަމެއް ދީގެން ކުރެވުނު ކަމެއް ނޫންކަމަށެވެ. ނަމަވެސް ދިވެހި މަސް ގަންނާނެ އާ ބާޒާރުތައް ހޯދަން ޖެހޭކަމަށާއި އެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަށް ޓަކައި ހަފުތާ 14 ޕްރޮގްރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. މިއެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެބްރޭންޑް ބޭރު ގައުމުތަކުގައި އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ،" ރައީސް އެ ދުވަހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެން ދާނެ ފުރުސަތެއް ކަމަށެވެ.

ރައީސް އެ ދުވަހު ވިދާޅުވީ، ދިިވެހި ކަޅުބިލަ މަހުގެ 65 ޕަސަންޓު ބޭރު ކުރެވެނީ ގަނޑުކުރި މަހުގެ ގޮތުގައި ކަމަށެވެ. މި ގޮތަށް ކަންތައް އޮތުމުން ތިމާވެއްޓާ ރަޙްމަތްތެރިކޮށް ދިވެހި މަސްވެރީން ބާނާ މަހުގެ ބޮޑު ފައިދާއެއް ނާޖާއިޒު ގޮތުގައި ނަގަނީ މަސް ޕްރޮސެސްކުރާ ބޭރުގެ ކުންފުނިތަކުން ކަމަށާއި އެކަން ބަދަލުކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.