މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ދަރިފުޅަކީ ޑައުންސިންޑްރޯމް ހުރި ކުއްޖެއްތޯ ބެލުމަށްޓަކައި ހަދާ ޓެސްޓު އައިޖީއެމްއެޗުގައި ފަށައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ސަން'އަށް މިއަދު ވިދާޅުވީ މި ޓެސްޓު މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި ފަށާފައިވާ ކަމަށެވެ. މާބަނޑު އަންހެނާ ޑޮކްޓަރަށް ދެއްކުމުން، އެ ޓެސްޓު ހަދަން ޑޮކްޓަރު ލިޔުންދެއްވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި ޓެސްޓަކީ ވަކި މުއްދަތެއްގެ ތެރޭގައި ހަދަންޖެހޭ ޓެސްޓެކެވެ.

މީގެ ކުރިން އައިޖީއެމްއެޗުން މި ޓެސްޓު ހަދަމުންއައީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލުގައި ޓެސްޓު ހަދަން ފެށުމުން ކުރިއަށް ވުރެ އަވަހަށް ނަތީޖާ ލިބިގެންދާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކުއްޖާ ޑައުންސިންޑްރޯމް ކުއްޖަކަށް ވަނީ 47 ކްރޮމޮޒޯމް ހުރުމުގެ ސަބަބުންނެވެ. އާދައިގެ މީހެއްގެ ގައިގައި 46 ކްރޮމޮޒޯމް، އެއީ މަންމަގެ 23 އަދި ބައްޕަގެ 23 ކްރޮމޮޒޯމް ހުންނާނެއެވެ.

ނަމަވެސް ޑައުންސިންޑްރޯމް ކުއްޖާގެ ގައިގައި އެއް ކްރޮމޮޒޯމް އިތުރުވާނެއެވެ.