17 Dec 2023, 15:46
މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ 'އެމްޕްލޯއީ ސްޓާ އެވޯޑް' 20 މުވައްޒަފަކަށް ދީފިއެވެ.
މި އެވޯޑްތައް ހަވާލުކޮށްފައި ވަނީ ރޭ ބޭންކުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި އެވޯޑްތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކައެވެ.
ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ ފަރާތްތަކުގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެެއް ކޮށްދީފައިވާ އަދި މަސައްކަތުގައި ލާމަސީލު މުވައްޒަފުން ކަމަށް އެ ބޭންކުން ބުންޏެވެ.
އެގޮތުން މި އެވޯޑު ދީފައި ވަނީ ތައުލީމާއި ކުޅިވަރުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ކަމަށް ބޭންކުން ބުނެއެވެ.
އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ ކާލް ވިދާޅުވީ އެމްޕްލޯއީ ސްޓާ އެވޯޑާއެކު ބޭންކާއި މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރެވޭ ކަމަށެވެ.
"ގަވައިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް،" ކާލް ވިދާޅުވިއެވެ.
ބީއެމްއެލުން އެމްޕްލޯއީ ސްޓާ އެވޯޑް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2017 ވަނަ އަހަރުގައެވެ.
މި އެވޯޑްގެ އިތުރުން ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑް' އަދި ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް 'ލޯންގް ސާވިސް އެވޯޑް' ވެސް ބޭންކުން އަންނަނީ ކޮންމެ އަހަރަކު ދެމުންނެވެ.