ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި އިއްޔެ ހަވީރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 2-1 ލަނޑުން މޮޅުވެ، ލީގް ތާވަލްގެ ތިން ވަނައަށް އީގަލްސް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި އީގަލްސް އިން ޖެހި ދެ ލަނޑު އޭވައިއެލް ކޮޅަށް ޖެހީ، މެޗުގެ ފުރަތަމަ ހާފުގެ 20 މިނެޓުގައި އޭވައިއެލްގެ މުހައްމަދު ޝައުޔާ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައި ވަނިކޮށެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، 1-0 ލަނޑުން ކުރީގައި އޮތީ އޭވައިއެލް އެވެ. އެހެންނަމަވެސް މެޗުގެ ދެ ވަނަހާފުގެ 62 ވަނަ މިނެޓުގައި އީގަލްސްގެ ޒުވާން ފޯވާޑް އަހުމަދު އިމާޒް (އާއްކޮ) ވަނީ އޭވައިއެލްގެ ގޯލް ހުޅުވައި މެޗުގެ ނަތީޖާ އެއްވަރުކޮށް، އީގަލްސްއަށް އުންމީދު އާކޮށްދީފަ އެވެ. އަދި އޭވައިއެލް އަތުން އީގަލްސް ސަލާމަތް ކޮށްދިން ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ހުސެއިން އާތިފެވެ.

އިއްޔެގެ މޮޅާ އެކު ލީގްތާވަލްގެ ތިން ވަނައިގައި އީގަލްސް އޮތީ، ފުރަތަމަ ބުރުގައި އެ ޓީމް ކުޅުން ހަމެޗުން ލިބުނު އަށް ޕޮއިންޓާ އެކު އެވެ. އަދި މެޗުން ބަލިވި އޭވައިއެލް އޮތީ ފުރަތަމަ ބުރުގައި އެ ޓީމް ކުޅުނު ހަމެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ.

އިއްޔެގެ މެޗަށް ފަހު އީގަލްސްގެ ކޯޗް އިހުސާން އަބްދުލްޣަނީ (ސާންތީ) ބުނީ، އޭވައިއެލްއާ ދެކޮޅަށް ކުޅެ، ލިބުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި އެ ނަތީޖާގެ ސަބަބުން ތާވަލްގެ ކުރިއަށް ޖެހިލުމަކީ ފުރަތަމަ ބުރުގެ ގަދަ ހަތަރެއްގައި އޮތުމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ޓީމުގެ ކުޅުން ރަނގަޅު ކަމަށް ވެސް ސާންތީ ބުންނެވެ.

"މޮޅާ އެކު ލިބުނު ތިން ޕޮއިންޓާ އެކު ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ. ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް. އީގަލްސްގެ ޓާކެޓަކީ ގަދަ ހަތަރުން ޖާގަ ހޯދުން. އެކަން އީގަލްސްއަށް ކުރެވިދާނެ" ސާންތީ ބުންޏެވެ.

އޭވައިއެލްގެ ކޯޗް މުހައްމަދު އާތިފް(އާތީ) ބުނީ، އީގަލްސްއާ ކުޅެ، ބަލިވިޔަސް މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި މެޗުގައި ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފުން ނަމަ ނަތީއަށް ބަދަލު ގެނެވުނީސް ކަމަށެވެ.

"މެޗުގެ ފުރަތަމަ ހާފާއި ދެ ވަނަ ހާފުގައި ވެސް ލަނޑުޖަހަން ލިބުނު ފުރުޞަތުގެ ބޭނުންތައް ހިފުނު ނަމަ ނަތީޖާ ރަނގަޅުވިސް. ޅަކުޅުންތެރިންތަކެއް ޓީމުގައި ތިބި ނަމަވެސް ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ" އާތީ ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ބައްދަލުރާނީ ތާވަލްގެ ހަތް ވަނާގައި ހަތަރު ޕޮއިންޓާ އެކު އޮތް ވެލެންސިޔާ އާއި ތާވަލްގެ އެންމެ ފުލުގައި ތިން ޕޮއިންޓާ އެކު އޮތް ވިޔަންސާ އެވެ.