އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑުން ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެެވެ.

ފުރަތަމަ ހާފުގައި ޗެލްސީއަށް ޝެފީލްޑްގެ ގޯލަށް އަމާޒުކޮށް ފޮނުވައިލެވިފައިވަނީ އެންމެ ހަމަލާއެކެވެ. މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ. މި ސީޒަންގައި މެންޗެސްޓާ ސިޓީން ޗެލްސީއަށް ބަދަލުވި ހުނަރުވެރި ކުޅުންތެރިޔާ އަންނަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގައި އޭނާ ކުޅުނު 19 މެޗުގައި 13 ލަނޑު ޖެހުމުގައި ޕާމާވަނީ ބައިވެރިވެފައެވެ.

މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެވަނަ ލަނޑު ޕާމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެޗުގެ 61 ވަނަ މިނެޓްގައި ޖަހައިދިނީ ނިކޮލަސް ޖެކްސަންއެވެ. މެޗުގައި ޝެފީލްޑަށް އުފެއްދިފައިވަނީ ރަނގަޅު އެންމެ ހަމަލާއެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ ވަނީ ޕާމާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ކޯޗު ބުނީ ޕާމާއަކީ ޕްލޭ މޭކަރެއް ކަމަށާއި ފަހަތުން އުފައްދާ ހަމަލާތައް ފޯވަޑްލައިނާ ގުޅުވާދިނުމުގައި އޭނާ އަންނަނީ މުހިންމު ދައުރެއް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަދާ ކުރަމުން ކަމަށެވެ.

މި ނަތީޖާއާ އެކު ޗެލްސީ މިހާރު ވަނީ ކުޅުނު 17 މެޗުން ލިބިފައިވާ 22 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. ޝެފީލްޑް އޮތީ އަށް ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައެވެ.