17 Dec 2023, 23:12
އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު ނިއުކާސްލް އިން ކާމިޔާބުކޮށްފިއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 0-3ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ.
މެޗުގެ 22 ވަނަ މިނެޓްގައި ފުލަމްގެ ފޯވަޑް ރައުލް ހިމެނޭޒް ކުރި ފައުލަކާއި ގުޅިގެން ރީނދޫ ކާޑު ދެއްކުމަށްފަހު ޖެހުން ދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ކާޑު ވަނީ ރަތްކާޑަކަށް ބަދަލުކޮށްފައެވެ.
އެއާއެކު މެޗުގެ ބޮޑުބައި ފުލަމްއިން ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. މި މެޗުގައި ނިއުކާސްލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 57ވަނަ މިނެޓްގައި ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނީ އުމުރުން 17 އަހަރުގެ ލުއިސް މިލޭއެވެ.
މި ލަނޑާއެކު މިލޭވަނީ ނިއުކާސްލްއަށް ޕްރިމިއާ ލީގުގައި ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މި މެޗުގައި ނިއުކާސްލްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 64ވަނަ މިނެޓްގައި މިގުއެލް އަލްމިރޯންއެވެ. އަދި ފަހު ލަނޑު މެޗުގެ 82ވަނަ މިނެޓްގައި ޖަހައިދިނީ ޑޭން ބާންއެވެ.
މި ކާމިޔާބީއާއެކު ނިއުކާސްލްއިން މިވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށްފަހު މެޗަކުން މޮޅުވެފައެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ނިއުކާސްލް މިހާރު އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ފުލަމްވަނީ 21 ޕޮއިންޓާއެކު ތާވަލްގެ 11ވަނައަށް ފަހަތަށް ޖެހިލައިފައެވެ.