ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް
ކުލާހަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮށްދީ އެ މަރުކަޒަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެކުންފުނިން މައުލޫމާތު ދިންގޮތުގައި މި ވަސީލަތްތަށް ހަދިޔާކުރީ، ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ ދަށުންނެވެ.

މިގޮތުން، އެ މަރުކަޒުގެ ލާނިން ސަޕޯޓް ކްލާހަށް ހަދިޔާކުރި ވަސީލަތްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓާ، ހެޑްސެޓް، އަދި ކްލާސްރޫމް ސެޓްއަޕަށް ބޭނުންވާ ބީން ބޭގްތަކާއި ފްލޯ މެޓް ހިމެނޭކަމަށް އެ ކުންފުނިން ބުންޏެވެ.

މި ވަސީލަތްތައް އެ ސްކޫލްގެ ލާނިން ކްލާހަށް ހަދިޔާކޮށްފައި ވަނީ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ދިރާގާއި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ތިނަދޫ އޮޕަރޭޝަން ސެންޓަރުގެ
މުވައްޒަފުންވެސް ބައިވެރިވިއެވެ.

މި އެހީގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން އެ ތަޢުލީމީ މަރުކަޒުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓްގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓާ، ކަސްޓަމާ ސާވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވަނީ އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި މުޖުތަމަޢު ޝާމިލުވާގޮތަށް، އިންކްލޫސިވް އެޑިއުކޭޝަން ގާއިމު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ.

މީގެއިތުރުން، ކޮންމެ ކުއްޖަކަށްވެސް ކުރިއެރުން ލިބޭނެ މާހައުލެއް ޤާއިމުކުރުމަށް އެ ތަޢުލީމީ މަރުކަޒުން ދޭ އަހަންމިއްޔަތުކަމަށް ތައުރީފުކުރައްވައި ސްކޫލަށާއި ހުރިހާ ދަރިވަރުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދުވަނީ، ލާނިން ސަޕޯޓް ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި މި އެހީގެ ސަބަބުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވި އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މުޖުތަމަޢުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން،
ދިރާގުން އަންނަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.