ވޮޝިންޓަން (17 ޑިސެންބަރު 2023): އެމެރިކާގެ މުޖުތަމައުގައި ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕުތަކާއި ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކާ އަދި އިންޖީލީ ފިކުރުގެ މީހުން ވަކިހިއްޕާލާފައި ވީނަމަވެސް އެމެރިކާގެ ޒުވާނުންގެ މެދުގައި އިސްރާއީލަށް ތާއީދު ގެއްލި އެ މީހުންގެ ތާއީދު ފަލަސްތީނުގެ ހައްގުތަކަށް ބޮޑުތަނުން ބަދަލުވަމުންދާކަން ޚިޔާލު ހޯދުމުގެ އާ ސާވޭއަކުން ހާމަވެއްޖެއެވެ.

އާންމު ޚިޔާލު ހޯދުމުގެ ސާވޭކުރުމުގައި މަޝްހޫރު އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ނިސްބަތްވާ "ހެރިސް އިންސްޓިޓިއުޓް އެންޑް ސެންޓަ ފޯ އެމެރިކަން ޕޮލިސީ ސްޓަޑީޒް"އިން ކުރި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާގެ ޒުވާނުންގެ ތެރޭގައި ހިމެނޭ 18 އަހަރާއި 24 އަހަރުގެ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ތާއީދުކުރަނީ ފަލަސްތީނަށެވެ.

މީގެ ތެރެއިން 51 އިންސައްތަ މީހުން ދެކޭގޮތުގައި އިސްރާއީލަކީ އެމެރިކާއާއި ޔޫރަޕުގެ ބާރުގައި ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ ވަގުތީ ދައުލަތެކެވެ. އެހެންކަމުން މި ދުވަސްވަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތް ނަމަވެސް ދިގު މުއްދަތަކަށް ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދައުލަތެއްގެ ގޮތުގައި ދެމި ނޯންނާނެއެވެ. މުސްތަގްބަލުގައި ފަލަސްތީނުގައި އޮންނާނީ ފަލަސްތީނުގެ ދައުލަތަކާއި ފަލަސްތީނުގެ ވެރިކަމެކެވެ.

މި އުމުރު ފުރައިގެ ޒުވާނުންގެ 67 އިންސައްތަ ދެކޭގޮތުގައި ފަލަސްތީނު ރައްޔިތުންގެ ފިކުރަކީ ހަމާސްގެ ފިކުރެވެ. އަދި، ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްނޫނެވެ. އެއީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެކެވެ. ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްތަކައި ހަމާސް ޖަމާއަތާ އެކު ވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެމެރިކާގެ 18 އަހަރާއި 24 އަހަރުގެ ޒުވާނުންގެ ތެރެއިން 67 އިންސައްތަ މީހުން ދެކެއެވެ.

މި 67 އިންސައްތަ ދެކޭގޮތުގައި އިސްރާއީލަކީ ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް އަނިޔާވެރި ގައުމެކެވެ. ފަލަސްތީނާއި އިސްރާއީލަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައަކީ ވެސް ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާ ޔަހޫދީން ނައްތާލުމަށް ވެސް މީގެ ތެރެއިން 53 އިންސައްތަ ޒުވާނުން ތާއީދުކުރާކަން ހާވާޑް ޔުނިވާސިޓީއަށް ނިސްބަތްވާ "ހެރިސް އިންސްޓިޓިއުޓް އެންޑް ސެންޓަ ފޯ އެމެރިކަން ޕޮލިސީ ސްޓަޑީޒް"އިން އެމެރިކާގެ ޒުވާނުންގެ މެދުގައި ކުރި ސާވޭން ވަނީ ހާމަވެފައެވެ.

އިސްރާއީލުގެ ނޫހެއްކަމަށްވާ "ޖެރޫސަލަމް ޕޯސްޓް" ބުނާގޮތުން މި ސާވޭއަކީ އިސްރާއީލަށާއި އެމެރިކާގައި ހަރަކާތްތެރިވާ ޔަހޫދީ ލޮބީ ގްރޫޕްތަކަށް ވަރަށް ބޮޑު ޝޮކެއް ލިބިގެން ދިޔަ ސާވޭއެކެވެ. އެމެރިކާގެ ޒުވާނުންގެ މެދުގައި އިސްރާއީލުގެ ޔަހޫދީންނާ އިދިކޮޅު ރޫހު މިހާ ބޮޑަށް އުފެދިގެން މިދަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމުން ގިނަ އަދަދަކަށް މަރުވަމުން ދިޔުމުގެ ސަބަބުންކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ އަސްކަރީ ހަމަލާތައް ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާ އަދި އާންމުންގެ ގެދޮރަށް އަމާޒުކޮށް އެތައް ހާހަކުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުން މަރަމުން ދިޔުމުގެ ނަތީޖާއެއްގޮތުންނެވެ. މިއީ ގަތުލުއާންމުތަކެއް ކަމަށް ސިފަކޮށް އެމެރިކާގައި އެތައް މިލިޔަން ބަޔަކު ދަނީ ތަކުރާރުކޮށް އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި ސިލްސިލާގޮތެއްގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަމުންނެވެ.

އެމެރިކާގެ ޒުވާނުންގެ ޚިލާޔު އިސްރާއީލާ މެދު ބަދަލުވަމުންދާތީ އެކަމާ ކުރުމަތިލުމަށްޓަކައި އެމެރިކާގެ ޒަޔަނިސްޓް ލޮބީ ގުރޫޕްތަކާއި އިސްރާއީލުގެ ސަރުކާރުން ގެންދަނީ ބޮޑެތި ޕީއާރު މަސައްކަތްތަކެއް ކުރަމުންނެވެ. އިސްރާއީލުގެ ސޫރަ ރީތިކޮށް ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގެ ޒިންމާ އުފުލަންޖެހޭނީ ހަމާސްއިންކަމަށް ބުނެ ކުރާ އެންޓިކެންޕޭންއަށް އިސްރާއީލާއި ޔަހޫދީ ކުންފުނިތަކުން ގެންދަނީ އެތައް ބިލިޔަން ޑޮލަރެއް ޚަރަދު ކުރަމުންނެވެ.